މިދިޔަ މަހު ވައިގެ މަގުން ބްރެޒިލުން ރާއްޖެއަށް 18 ކިލޯގެ ކޮކޭން އެތެރެކުރަން އުޅުނު ބްރެޒިލްގެ ކްރިސްޓިއާނޯ ސިލްވާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފިއެވެ.
28 އަހަރުގެ ކްރިސްޓިއާނޯގެ އިތުރުން، ދެން އެމައްސަލާގައި ހައްޔަރުކުރީ 37 އަހަރުގެ ނައިރު ނޫނެސް ޑިސޫޒާއެވެ. ނަމަވެސް މައްސަލައިގެ އުންސުރު ހަމަނުވާ ކަމަށް ބުނެ، ނައިރު ނޫނެސް ޑިސޫޒާ ވަނީ ދޫކޮށްލާފައެވެ.
ދައުލަތުން ކްރިސްޓިއާނޯގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެތަކެތި ބޭނުންކޮށް ގެންގުޅެ، ވިޔަފާރިކުރުމުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުގައި އިއްޔެ އޮތް އަޑުއެހުމުގައި ކްރިސްޓިއާނޯގެ ވަކީލުން ބުނީ، މަސްތުވާތަކެތި ފެނުނު ފޮށީގައި ހުރީ 22 ކިލޯ ކަމަށާއި، އެ ފޮށީގެ ބަރުދަން ރާއްޖޭން ބޭރުން ބެލިއިރު ހުރީ 17 ކިލޯ ކަމަށްވާއިރު، މަސްތުވާތަކެތި ފެނުނު ފޮށްޓަކީ އޭނާގެ ފޮށްޓަށް ވުމުގެ ފުރުސަތު ކުޑަ ކަމަށެވެ.
މީގެ އިތުރުން، މަސްތުވާތަކެތި ފެނުނު ފޮށްޓަކީ ކްރިސްޓިއާނޯގެ ފޮށްޓެއް ނޫން ކަމަށާއި، އިމިގްރޭޝަންގެ ސީސީޓީވީ ބެލުމުން އޭނާ ގެނައީ ކަޅުކުލައިގެ ފޮށްޓެއްކަން އެނގޭނެ ކަމަށާއި، މަސްތުވާތަކެތި ފެނުނީ އަޅިކުލައިގެ ފޮށްޓެއްގައި ކަމަށްވުމުން، މަސްތުވާތަކެތި ފެނުނު ފޮށްޓާއި ކްރިސްޓިއާނޯ އާ ގުޅުމެއް ނެތް ކަމަށްވެސް އޭނާގެ ވަކީލުން ބުންޏެވެ.
އެކަމަކު ފުލުހުން ބުނީ، މަސްތުވާތަކެތި ފެނުނު ފޮށީގައި ޕެކިނާއެކު 18 ކިލޯ ހުރި ކަމަށާއި، މަސްތުވާތަކެތީގެ ބަދަލުގައި 15 ކިލޯ ހުރިއިރު، އެ ފޮށީގެ ބަރުދަނުގައި 22 ކިލޯ ހަމަނުވާ ކަމަށާއި، އެހެން ގައުމަކުން ބަރުދަން ބެލިއިރު ކުޑަ ތަފާތެއް އައިސްފައި އޮތަސް މަސްތުވާތަކެތި ފެނުނު ފޮށްޓަކީ އެހެން ފޮށްޓެއް ކަމަށް ބެލުމުގެ ފުރުސަތު ކުޑަ ކަމަށެވެ.
އަދި މަސްތުވާތަކެތި ފެނުނު ފޮށީގައި ކްރިސްޓިއާނޯގެ ޓެގު ހުރިކަންވެސް ފުލުހުން ފާހަގަކުރިއެވެ.
އެއާއެކު، ކޯޓުން ވަނީ ކްރިސްޓިއާނޯގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
މީގެ ކުރިން ވެސް ބްރެޒިލް އިން ރާއްޖެއަށް އައި މީހުން އެއާޕޯޓުން މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރިއެވެ. އެގޮތުން އޮގަސްޓު މަހު އުމުރުން 31 އަހަރުގެ އަންހެނަކު ތިން ކިލޯގެ ކޮކެއިންއާ އެކު އަދި 29 އަހަރުގެ އަންހެނަކު 16 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރިއެވެ.