ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަން ޔޫބީލް އަހަރު ފާހަގަކުރުމުގެ ގޮތުން އަންނަ އަހަރު ޖަނަވަރީ 1، 2022 އިން ފެށިގެން "2022: ފަތުރުވެރިކަމުގެ ރަން އަހަރު" ގެ ލޯގޯ ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ރަސްމީ ލެޓާ ހެޑާއި އީމެއިލް ފުޓާގައި ބޭނުންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފިއެވެ.

ރައީސްމިގޮތަށް މި ހަމަޖެއްސެވީ، ޑިސެންބަރު 7، 2021 ވީ އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބީލް އަހަރު ފާހަގަކުރުމާބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ 2022 ވަނަ އަހަރަކީ، ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރާ އަހަރުކަމަށްވާތީ، އެ އަހަރު ކުލަގަދަ ގޮތެއްގައި ފާހަގަކުރެއްވުމުގެ ގޮތުން އެ އަހަރަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ލޯގޯ މިހާރު މިނިސްޓްރީ އޮފް ޓޫރިޒަމުން އިފްތިތާހް ކޮށްފައިވާ ކަމަށެވެ.

މި ލޯގޯ ފަރުމާކޮށްފައިވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ރަމްޒުވާ ސިފަތައް ހިމަނައިގެން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައްޔާއި، ރާއްޖެއިން ބޭރުގައި އޮންނަ އެކިއެކި ފެއަރތަކާއި ބައްދަލުވުންތަކުގައި މި ލޯގޯ ބޭނުންކުރާ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށާއި، ރާއްޖެއިން ބޭރުގައި މި ލޯގޯ ބޭނުންކުރާނީ އިނގިރޭސިބަހުން ކަމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.