ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކޮށް ކައުންސިލްގެ ދަށަށް ގެންނަން އިއްޔެ ނިންމި މައްސަލައަށް ގޮތެއް ކަނޑައެޅުމުގެ ކުރިން ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރަން ނުޖެހޭނެ ކަމުގައި ކަނޑައަޅައިދީ ވަގުތީ އަމުރެއް ނެރެދިނުމަށް އެޗްޑީސީން ސިވިލް ކޯޓުގައި އެދިއްޖެއެވެ.
ކައުންސިލްގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އެޗްޑީސީން ސިވިލް ކޯޓަށް މިއަދު މައްސަލަ ހުށަހަޅާފައިވަނީ، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން "ކޮތަރުކޮށި" ގެ ނަމުގައި ބާއްވަން އޮތް ޖަލްސާ އެޗްޑީސީން ހުއްދަ ނުނަގާ ނުބޭއްވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބަޔާނެއް ނެރެފައިވަނިކޮށް، އެޔާ ޖެހިގެން އޮތް ދުވަހު ކައުންސިލްގެ ދަށަށް ހުޅުމާލެ ބަދަލުކުރުމަށް ކައުންސިލުން ބޭއްވި ކުއްލި ޖަލްސާގައި ފާސްކުރުމާ ގުޅިގެންނެވެ. މިހާރު އެ ޖަލްސާ މާދަމާރޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ކާނިވާ ސަރަހައްދުގައެވެ.
މިއަދު ނެރުނު ނޫސްބަޔާނެއްގައި އެޗްޑީސީން ބުނީ، ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނަށް ސިޓީ ކައުންސިލުން އަންގާފައިވާ ކަަމަށާއި، ނަމަވެސް އެ ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފަށް ކައުންސިލުން ނިންމި ނިންމުމެއް ކަމަށް އެ ކޯޕަރޭޝަނުން ދެކޭ ކަމަށާއި، އެހެންވެ ސިވިލް ކޯޓަށް މިއަދު މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
ހަމައެއާއެކު، އެޗްޑީސީން ވަނީ ސިޓީ ކައުންސިލްގެ އެ ނިންމުމަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ކަނޑައަޅައިދީ، ވަގުތީ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓުގައި އެދިފައެވެ. ސަބަބަކީ، ކައުންސިލުން ނިންމި ނިންމުމުގެ ސަބަބުން، އެޗްޑީސީން ވެފައިވާ މަދަނީ އެއްބަސްވުންތަކާއި ލޯނު އެއްބަސްވުންތަކާ އެ ކޯޕަރޭޝަނުން ހިލާފުވެ، "ކްރޮސް ޑިފޯލްޓް" ހާލަތަކަށް ދިއުމުގެ ފުރުސަތު އޮތުމުން ކަމަށާއި، އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ކޯޕަރޭޝަނާއި ދައުލަތުން ނަގާފައިވާ ލޯނުތައް އެއްފަހަރާ ޑިފޯލްޓް ވުމުގެ ފުރުސަތު އޮތުމުން ކަމަށް އެކޯޕަރޭޝަނުން ބުންޏެވެ.
އެޗްޑީސީން ބުނަނީ، ގާނޫނީ ގޮތުން އެ ކޯޕަރޭޝަނަށް ހުޅުމާލޭގެ ބިިމުގެ މިލްކުވެރިކަން ލިބިފައިވާ އިރު، އެ ބިމުގެ ރަޖިސްޓްރީ ބާތިލް ކުރުމަށް ސިޓީ ކައުންސިލުން ނިންމި ނިންމުމަކީ ގާނޫނުއަސާސީގައި، މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގާއި، ބިމާ ބެހޭ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ މިހާރު ސިވިލް ކޯޓަށާއި އެލްޖީއޭއަށް ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް، މިއަދު ސިޓީ ކައުންސިލުން ބޭއްވި ޕްރެސް ބްރީފިންގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެޗްޑީސީއިން އެއްބަސްވުމުގެ ބޭނުން ނަހަމަ ގޮތުގައި ހިފަނީ ކަމަށާއި އެ އެބަސްވުމުގައި ބުނެފައި ވާނީ މަގުތަކާއި އާންމުތަންތަނާއި ޕާކުތަކާއި މިސްކިތްތަކާއި ސްކޫލްތަކާއި ރައްޔިތުން ބޭނުންކުރާ ތަންތަނަކީ އެޗްޑީސީގެ މިލްކެއް ނޫން ކަމަށެވެ.