ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އަމަލުކުރާ ގޮތުން އޭސީސީގެ މަސައްކަތްތަކަށް ހުރަސް އެޅޭކަމަށް ބުނެ، އެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލަން ނިންމައިފިއެވެ.

މިއަދު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބޭއްވި ސިއްރު ބައްދަލުވުމުގައި އެ މައްސަލަ ބަލަން ހުށަހެޅުއްވީ، ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ. އެވެ. ކޮމިޓީގެ އަގުލަބިއްޔަތުން އެ މައްސަލަ ބެލުމަށް ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން، ހަމަ މި ބައްދަލުވުމުގައި އެ ކޮމިޓީން ވަނީ އޮޑިޓު އޮފީސް މެދުވެރިކޮށް ހަދާފައިވާ ޕަފޯމަންސް އޮޑިޓަށް ބެލުމަށްފަހު، އޭސީސީގެ ހުރިހާ މެމްބަރުން ވަކިކުރަން ފެންނަ ކަމަށް ފާސްކޮށްފައެވެ. އޭސީސީން މައްސަލަތައް ބެލުމުގައި ލަސްތަކެއް އުޅޭ ކަމަށް ބުނެ، އެ ކޮމިޝަނަށް ވަނީ ފާޑުކިއުން އަމާޒުވެފައެވެ.

އެ އޮޑިޓުގައިވާ ގޮތުން، އޭސީސީއަށް މައްސަލަތައް ނުބެލޭ ކަމާއި ކޮމިޝަންގެ ބާރު ބޭނުން ނުކުރާކަމުގެ އިތުރުން، ބައެއް މައްސަލަތަކަށް ތިން އަހަރު ވެފައި ވާއިރު، 300 އަށް ވުރެ ގިނަ މައްސަލަ ނުބަލާ ހުރިކަން ފާހަގަކޮށްފައިވެއެވެ.

އޭސީސީއާއި ޕީޖީ އޮފީހާ ދެމެދު ބައެއް މައްސަލަތަކުގައި ހިޔާލު ތަފާތުވެފައިވެއެވެ. އެގޮތުން ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލާގައި ޝާމިލުވާ ފަރާތްތަކަށް ދައުވާކުރަން ދެފަހަރެއްގެ މަތިން ޕީޖީއަށް ފޮނުވި ނަމަވެސް ހެކި ނެތް ކަމަށް ބުނެ އޭސީސީއަށް އެ މައްސަލަ އަނބުރާ ފޮނުވާލާފައިވުމާއި، ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްސަލަވެސް އިތުރަށް ފުރިހަމަ ކުރުމަށް އަންގާ އެ މައްސަލަވެސް ދެ ފަހަރެއްގެ މަތިން އޭސީސީއަށް އަނބުރާ ފޮނުވާލާފައިވެއެވެ.