ޕަފޯމަންސް އޮޑިޓަށް ބެލުމަށްފަހު، އޭސީސީގެ ހުރިހާ މެންބަރުން ވަކިކުރަން ފެންނަ ކަމަށް، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ކޮމިޓީން އޭސީސީގެ މެންބަރުން ވަކިކުރަން ނިންމީ، އޭސީސީން މައްސަލަތައް ބެލުމުގައި ލަސްތައް އުޅޭކަމުގެ ފާޑުކިއުން އަމާޒު ވެފައި ވާއިރު، ކޮމިޓީއަށް ތަކުރާރުކޮށް ހާޒިރުކޮށް، އޮޑިޓް އޮފީސް މެދުވެރިކޮށް ޕަފޯމަންސް އޮޑިޓް ހެދުމަށް ފަހުގައެވެ. އޭސީސީގެ މެންބަރުން ވަކިކުރަން ނިންމީ ކޮމިޓީގެ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި އޮޑިޓު ކޮމިޓީއަށް ހުށަހެޅުމާއެކު، މެންބަރުން ވަކިކުރަން ފާސްކުރަން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދެވެ. ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ވަނީ އެކަމަށް ތާއީދު ކުރައްވާފައެވެ.
އޭސީސީގެ މެންބަރުން:
- މަރިޔަމް ޝިއުނާ
 - ފާތުމަތު އަނޫލާ
 - އިބްރާހީމް ޝަކީލް
 - އައިޝަތު އަބްދުﷲ
 - އަލީ އަޝްރަފް (މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވާފައި)
 
އޮޑިޓު އޮފީހުން ހެދި އޮޑިޓުގައިވާ ގޮތުން، އޭސީސީއަށް މައްސަލަތައް ނުބެލޭ ކަމާއި ކޮމިޝަންގެ ބާރު ބޭނުން ނުކުރާކަން ފާހަގަކޮށްފައި ވެއެވެ. އަދި ބައެއް މައްސަލަތަކަށް ތިން އަހަރު ވެފައި ވާއިރު، 300 އަށް ވުރެ ގިނަ މައްސަލަ ނުބަލާ ހުރިކަމަށް އެ އޮޑިޓުގައިވެއެވެ.
މިއަދު އޭސީސީގެ މެންބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައި ވާއިރު، މިމަހުގެ ފަސްވަނަ ދުވަހު އޭސީސީގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ވަނީ ހުޅުވާލާފައެވެ.
