ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވަން ނިންމާފައިވާ "ކޮތަރު ކޮށި" ޖަލްސާއަށް ތައްޔާރުވުން ހުއްޓުވަން ފުލުހުން ނުކުމެފައި ވާތީ ގާނޫނީ ގޮތުން ފުލުހުން ޖަވާބުދާރީ ކުރުވާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެޗްޑީސީގެ ހުއްދަ ނުހޯދައި ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގައި ޖަލްސާއެއް ބޭއްވުމުގެ ތައްޔާރީތައް އިދިކޮޅުން ވާން ފެށުމާއެކު ފުލުހުން ވަނީ އެ މަސައްކަތް ހުއްޓުވަން ނިކުމެފައެވެ.
މިކަމާ ގުޅިގެން މުއިއްޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދެއްގައި ސިޔާސީ ޕާޓީއަކުން ޖަލްސާއެއް ބާއްވަން އެދުމުން ކައުންސިލުން އެކަމަށް ހުއްދަދީފައި ވަނިކޮށް ފުލުހުން ނުކުމެ އެކަމަށް ހުރަސްއަޅަމުން ދާތީ ގާނޫނީ ގޮތުން ފުލުހުން ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.
އެޗްޑީސީން ރޭ ނެރުނު ނޫސްބަޔާނުގައި ބުނީ ހުޅުމާލޭގެ ސަރަހައްދުތަކުގައި ހަރަކާތްތައް ބޭއްވޭނީ އެ ކޯޕަރޭޝަނުގެ ހުއްދައާއެކު ވަކި އުސޫލުތަކެއްގެ ދަށުން ކަމަށާއި، ނަމަވެސް އިދިކޮޅު ކޯލިޝަނުން ބޭއްވުމަށް ރާވަމުން ދާ ހަރަކާތަކީ އެ އުސޫލުތަކާ ހިލާފަށް ބާއްވާ ހަރަކާތެއް ކަމަށެވެ. ނަމަވެސް މާލެ ސިޓީ ކައުންސިލުން ވަނީ އެ ޖަލްސާ ބާއްވަން ހުއްދަދީފައެވެ.
މި މައްސަލަ ހޫނުވެފައި ވަނިކޮށް މާލެ ސިޓީ ކައުންސިލުން މިއަދު ނެގި ވޯޓަކުން ހުޅުމާލޭގެ ރަޖިސްޓްރީވެސް މިއަދު ވަނީ ބާތިލު ކޮށްފައެވެ. އަދި މިހާރު ހުޅުމާލެ ފޭސް 1 އަދި 2 ވަނީ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމަނާފައެވެ.
އެ ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެޗްޑީސީއިން އެކަމަށް ހުރަސް އަޅަން ބޮޑެތި ވެހިކަލްތައް އެ ސަރަހައްދުގައި ޕާކުކުރި ކަމަށާއި އެހެންނަމަވެސް އެކަމަށް ހުރަސް ނޭޅޭނެ ކަމަށެވެ. ރައީސް ޔާމީން ހުޅުމާލޭގެ ރައްޔިތުންނާއި ބައްދަލުކުރައްވާތީ ސަރުކާރުގެ "ޕްރެޝަރު" ބޮޑުވެގެން ކުރާކަމެއް ކަމަށް ހީނާ ވަނީ ތުހުމަތުކުރައްވާފައެވެ.
ބީތާ މީކަޔޭ ތިހުރީ ރީ މިގައުމު ވެރިކަމުގަނނޫން