ގައުމީ ޓެނިސް އެސޯސިއޭޝަންގެ ދަށުން ހިންގާ އެކަޑަމީއެއްގެ ކޯޗެއް، އޭނާ ޕްރެކްޓިސް ކޮށްދޭ ކުއްޖަކަށް އެކަށީގެން ނުވާ މެސެޖުތަކެއް ކުރި މައްސަލައިގައި ތަހުގީގުކުރެވޭ މިންވަރަށް ހެކި ނެތްކަމަށް ބުނެ، މައްސަލަ ފައިލް ކޮށްފިއެވެ.

ފުލުހުންނަށް މި މައްސަލަ ހުށަހަޅާފައި ވަނީ މީގެ އެއް މަސްދުވަސް ކުރިންނެވެ.

މި މައްސަލަ ތަހުގީގު ކުރުމަށްޓަކައި ފުލުހުން އޭނާގެ ޕާސްޕޯޓު ހިފަހައްޓައި، މައްސަލަ ބެލުމަށް ފަހު ބުނީ ޖިނާއީ ތަހުގީގެއް ކުރާ މިންވަރަށް ހެކި ނެތް ކަމަށެވެ. އެހެންވެ ޕީޖީ އޮފީހުގެ ލަފާގެ މަތިން އެ މައްސަލަ ފައިލްކުރީ ކަމަށްވެސް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ކޯޗް މެސެޖް ކުރީ އޭނާ ކޯޗްކޮށްދޭ 15 އަހަރުގެ އަންހެން ކުއްޖަކަށެވެ.

ފުލުހުން މި މައްސަލަ ފައިލްކުރި ނަމަވެސް، އެކަޑަމީން ބުނީ އެ މައްސަލަ ސަމާލުކަމަށް އައި ހިސާބުން ކޯޗަށް އިދާރީ ގޮތުން ފިޔަވަޅު އެޅިކަމަށެވެ. އެކަމަކު ޓެނިސް އެސޯސިއޭޝަނުން މިކަމުގެ ޒިންމާ ނަގާފައެއް ނުވެއެވެ.

މި މައްސަލާގައި ޓެނިސް އެކަޑަމީއާއި އެސޯސިއޭޝަނުން ކަންކުރި ގޮތުން ބައެއް ފަރާތްތަކުން ވަނީ އެކަޑަމީ އާއި އެސޯސިއޭޝަނަށް ފާޑުކިޔައިފައެވެ.