މީގެ ދެ އަހަރު ކުރިން ށ. ނޫމަރާގެ ފަރަށް އެރި "މެރިން ޕަވާ 2317" ބާޖުގެ ވެރިފަރާތް 61.68 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، އެއް މަސްދުވަހުގެ ތެރޭ އެފައިސާ ދައްކަން އީޕީއޭއިން އަންގައިފިއެވެ.
ނޫމަރާގެ ބަނދަރު ހަދަން ގެނައި އެ ބާޖު އެ ރަށުގެ ނެރުމައްޗާ ދިމާލު ފަރަށް އެރީ އެ ސަރަހައްދަށް ކައިރިކުރަން އުޅުމުގެ ތެރޭގައި މީގެ ދެއަހަރު ކުރިން، އޮކްޓޯބަރު 2019 ގައެވެ. އެކަމުގެ ސަބަބުން ނޫމަރާގެ ފަރަށް ބޮޑެތި ގެއްލުންތަކެއްވިއެވެ.
އީޕީއޭއިން މިއަދު ބުނީ، "މެރިން ޕަވަ 2317" ބާޖު ފުންކޮށް، އެ ސަރަހައްދަށް ފެތިފައިވާ އެ ބާޖުގެ ބައިތައް ނަގައި އެ ސަރަހައްދު މުޅިން ސާފުކޮށްފައިވަނީ މިދިޔަ މަހުގެ 16 ގައި ކަމަށެވެ. އެ އޭޖެންސީން ބުނީ، ބާޖު ފަރަށް އެރި ސަރަހައްދު ސާފުކުރުމަށްފަހު، އެ ސަރަހައްދަށް ލިބުނު ގެއްލުންތައް ބެލުމަށް ކުރި ސާވޭއިން ދައްކާ ގޮތުގައި 1،632 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުންވެފައިވާ ކަމަށް ދައްކާ ކަމަށެވެ.
އެހެންކަމުން، ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގައިވާ ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމުގެ ގަވާއިދުގެ ދަށުން،، ޖޫރިމަނާ ފައިސާގެ ގޮތުގައި 61،681،316ރ. އެއް މަސްދުވަހުގެ ތެރޭ ދެއްކުމަށް "މެރިން ޕަވަ 2317" ބާޖުގެ ދިވެހި އޭޖެންޓު ރޮހޮޕް ޕްރައިވެޓް ލިމިޓެޑަށް އިއްޔެ އަންގާފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.
މި މައްސަލައިގެ އިތުރުން، މީގެ ތިން މަސް ކުރިން ކ. ރަސްފަރީގެ ފަރަށް ކާގޯ ބޯޓެއް އެރި މައްސަލައެއް ފެންމަތިވެ، ލިބުނު ގެއްލުންތަކަށް ބެލުމަށްފަހު 10 މިލިއަން ޑޮލަރު (154.2 މިލިއަން ރުފިޔާ) އިން އެ ބޯޓުގެ ވެރިފަރާތް ވަނީ ޖޫރިމަނާކޮށްފައެވެ.