އަންނަ އަހަރުން ފެށިގެން މާލެއެކޭ އެއްގޮތަށް ރަށްރަށުގައިވެސް ސްކޫލް ދަރިވަރުންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި، 65 އަހަރުންމަތީގެ އިސް ރަށްވެހިންނަށް ބަހުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މިއަދު ނެރުނު ނޫސްބަޔާނެއްގައި އެމްޓީސީސީން މިއަދު ބުނީ، އެކުންފުނިން ފޯރުކޮށްދޭ އާންމު ފެރީ ހިދުމަތުގައި މީގެ ކުރިންވެސް ސްކޫލް ދަރިވަރުންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި، 65 އަހަރުންމަތީގެ އިސް ރަށްވެހިންނަށް ދަތުރުކުރެވޭ ކަމަށާއި، ،މިއަދު ގެނެވުނު ބަދަލާއެކު އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އެފަރާތްތަކަށް ބަހުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.

މިހާރު ރަށްރަށުގައި ބަހުގެ ހިދުމަތްތައް އެމްޓީސީސީން ދެމުން ގެންދަނީ އައްޑޫގެ ހިތަދޫ އާއި ފޭދޫ އާ ދެމެދު ސްކޫލް ދަރިވަރުންނަށް ހާއްސަކޮށްގެން ދެވޭ ބަހުގެ ހިދުމަތުގެ ގޮތުގައެވެ. ނަމަވެސް އައްޑޫ، ފުވައްމުލައް، އަދި ލ. އަތޮޅުގެ ގަމާއި ފޮނަދުއާއި، އިސްދުއާއި، ކަލައިދޫގައި ބަހުގެ ހިދުމަތްތައް ފެށުމަށްޓަކައި އާ ބަސްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

އެމްޓީސީސީން ބުނީ، އާ ބަސްތައް ލިބުމާއެކު، ސްކޫލް ދަރިވަރުންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި، 65 އަހަރުންމަތީގެ އިސް ރަށްވެހިންނަށް ބަހުގެ ހިދުމަތްތައް ހިލޭ ލިބިގެންދާނެ ކަމަށެވެ.

އެމްޓީސީސީން ބުނީ، އެކުންފުނީގެ މަގްސަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.