މަނީ ލޯންޑާ ކޮށްފައިވާ ކަން ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން، ދައުލަތަށް ދައްކަން އެންގި 5 މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ) ހޯދަން ބަންޑާރަ ނައިބުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބާތިލް ކޮށްފިއެވެ.
ގއ ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކޮށްފައިވާ ކަން ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ ނޮވެންބަރު 28 ،2019 ވަނަ ދުވަހު 5 އަހަރުގެ ޖަލު ހުކުމާއި 5 މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ) ޖޫރިމަނާ ދައްކަން ހުކުމް ކޮށްފައެވެ. މި ޖޫރިމަނާގެ ފައިސާ ދައްކަން އެންގީ ހުކުމް ކުރިތާ ހަ މަސް ދުވަހުގެ ތެރޭގައެވެ.
ނަމަވެސް ހަ މަސް ދުވަހުގެ ތެރޭ ފައިސާ ދައްކާފައި ނުވާތީ އެ ހުކުމް ތަންފީޒު ކޮށްދިނުމުގެ މައްސަލައެއް ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ.
އެ ހުކުމް ތަންފީޒު ކޮށްދިނުމުގެ މައްސަލަ ހުށަހަޅާފައި ވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގެ (ބ)ގެ ދަށުންނެވެ. އެ މައްދާގައި ބުނާ ގޮތުން ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެން ޖެހި ނުލިބިވާ ފައިސާއެއް، އެ ފައިސާއެއް ދައްކަން ޖެހޭ މުއްދަތުގައި ދައްކާފައި ނުވާ ނަމަ، އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ އިހުތިޔާރު ބަންޑާރަ ނައިބަށް ލިބިގެން ވެއެވެ.
އެ ހުކުމުގައި، ޔާމީންގެ ފަރާތުން ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އަމުރުކޮށްފައިވާ ފަސް މިލިއަން ޔޫއެސް ޑޮލަރު، އެކީ އެއްފަހަރާ ދައުލަތަށް ދެއްކުމަށް އަމުރު ކޮށްދިނުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައި ވާއިރު އިއްޔެ ރައީސް ޔާމިނަށް ދަށު ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލް ކޮށްފައެވެ.
އެމައްސަލަ ބާތިލް ކޮށްފައި ވަނީ ތިން ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މިގޮތުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ ކުށަކާއި ގުޅުން ހުރި ފައިސާކަމަށް ދައުލަތުން ކޯޓުގައި ސާބިތުކޮށްދެވިފައި ނުވާ ކަމަށް ވަނީ ނިންމާފައެވެ.
ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލީ މީގެ ދެއަހަރު ކުރިން ނޮވެމްބަރު 28 ގައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނުވެމްބަރު މަހުގެ 30 ވަނަ ދުވަހު އެ ހުކުމް ބާތިލް ކުރުމުން ޔާމީން ވަނީ މިނިވަން ވެފައެވެ.