އަލަށް ފެނުނު ކޮވިޑް ވޭރިއަންޓް އޮމިކްރޯނާ ދެކޮޅަށް ވެސް މިހާރު ޖަހާ ކޮވިޑް ވެކްސިންތައް މަސައްކަތް ކުރާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.
އެއެފްޕީ ނިއުސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި ޑަބްލިޔުއެޗްއޯގެ އެމަޖެންސީސް ޑިރެކްޓަރު ޑރ. މައިކް ރަޔަން ވިދާޅުވީ، މިހާރު ޖަހަމުންދާ ވެކްސިންތަކުން އޮމިކްރޯން ވޭރިއަންޓަށް އަސަރު ނުކުރާނެ ކަން މިހާތަނަށް ލިބެން ހުރި އެއްވެސް މައުލޫމާތަކުން ކަށަވަރު ނުވާ ކަމަށެވެ.
ޑރ. ރަޔަން ވިދާޅުވީ، މިހާރު ބޭނުން ކުރަމުންދާ ވެކްސިންތަކަކީ މިހާތަނަށް ފެނުނު ހުރިހާ ވޭރިއަންޓަކާ ދެކޮޅަށް ވެސް ފުރިހަމައަށް މަސައްކަތްކޮށްފައިވާ ވެކްސިންތަކެއް ކަމަށާ ކޮވިޑާ ދެކޮޅަށް ވެކްސިން ޖަހަން ފެށި ފަހުން އެބަލީގައި ބޮޑުވަރުވާ މީހުންނާއި ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭ މީހުން މަދުވެފައިވާ ކަމަށެވެ.
އަދި އޮމިކްރޯންއަށް ވެސް މިހެން ނުވާންވީ ސަބަބެއް އަދި ނެތް ކަމަށް ވެސް ޑަބްލިއުއެޗްއޯގެ އިސް އޮފިޝަލު ވިދާޅުވިއެވެ. ޑރ. ރަޔަން ވިދާޅުވީ، މިހާތަނަށް ލިބެން ހުރި މައުލޫމާތުން އެހެން ވޭރިއަންޓްތަކާ އަޅާ ބަލާ އިރު އޮމިކްރޯންގެ ސަބަބުން ބަލި ޖެހޭ މީހުންނަށް ބަލީގައި ބޮޑުވަރުވާކަމަށް ނުދައްކާ ކަަމަށެވެ.
ޑަބްލިއުއެޗްއޯއިން މިހެން ބުނެފައިވާ އިރު އޮމިކްރޯން އެންމެ ފުރަތަމަ ފެނުނު ދެކުނު އެފްރިކާއިން ވެކްސިނުން މި ވޭރިއަންޓަށް އަސަރުކުރޭތޯ ބެލުމަށް ލެބޯރަޓަރީގައި ޓެސްޓްތަކެއްކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މި ޓެސްޓްތަކުގެ ނަތީޖާތައް ދައްކާ ގޮތުން މިވަގުތު ދުނިޔޭގައި ބޭނުންކުރާ އެންމެ ވަރުގަދަ އެއް ކޮވިޑް ވެކްސިން ކަމަށްވާ ފައިޒާ ވެކްސިންއިން ސަލާމަތްވުމުގެ ބާރު އޮމިކްރޯން ވޭރިއަންޓަށް ކޮންމެވެސް ވަރަކަށް ލިބިގެންވާ ކަމަށެވެ. މިކަން އަދި އެހެން ގައުމަކުން ކަށަވަރުކޮށްދީފައި ނުވާ އިރު ގައުމުތަކުން ދަނީ އޮމިކްރޯންއާ ބެހޭ ގޮތުން އިތުރު ދިރާސާތައް ކުރަމުންނެވެ.