ފްރާންސުން މެދުއިރުމަތީގެ އަރަބި ގައުމުތަކަށް އަސްކަރީ އެހީތެރިކަން ފޯރުކޮށް ދެނީ ރޭވުމެއްގެ ދަށުން ކަމަށާ އެކަމުގައި އަޑި ނޭނގޭ މަގުސަދުތަކެއް ވާނެ ކަމަށް އިރާނުން ތުހުމަތު ކޮށްފިއެވެ.

އިރާނުން ފްރާންސަށް ތުހުމަތުގެ އިނގިލި ދިއްކޮށްފައި ވާއިރު ހުރިހާ ގައުމުތަކުން ވެސް އެ ގައުމަށް ސަމާލުވުމަށް ވެސް ގޮވާލާފައި ވެއެވެ. އެގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ސައީދު ހަތީބުޒާދީ ވިދާޅުވީ ފްރާންސް ކަހަލަ ދުނިޔެ ބަލައިގަންނަ ގައުމަކުން މިހާރަށް ވުރެ ޒިންމާދާރުވާން ޖެހޭ ކަމަށާ، އެގައުމުން އަސްކަރީ ހަތިޔާރުން މަންފާ ހޯދުމަށް ވިސްނައިގެން ނުވާނެ ކަމަށެވެ.

ތަރުޖަމާނު މިހެން ވިދާޅުވެފައި ވަނީ އެގައުމުގެ ވެރިންނާ މަޝްވަރާ ކުރެއްވުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ތެހެރާނަށް ފޮނުވި ސަފީރާ އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ. އިރާނުން މިހެން ބުނެފައި ވާއިރު ފްރާންސުން ވަނީ 18.08 ބިލިއަން ޑޮލަރަށް ޔޫއޭއީއަށް 80 ޖެޓްފައިޓަރު ވިއްކަން އެއްބަސް ވެފައެވެ. މީގެ އިތުރުން ގަތަރުގެ އިތުރުން ސައުދީއާއެކު ވެސް އަސްކަރީ އެއްބަސްވުންތަކެއްގައި ފުރާންސުން ވަނީ ސޮއި ކޮށްފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އިރާނުން މިކަމާމެދު ނުރުހުން ފާޅުކުރަމުން ދަނީ ޔަމަނުގައި ހަރަކާތްތެރިވަމުން ދާ ހޫތީ ޖަމާއަތުގެ ހަނގުރާމަވެރިންނަށް ސައޫދީން މި ހަތިޔާރުތަކުގެ އެހީގައި ހަމަލާދެމުން ގެންދާތީއެވެ. އެ ޖަމާއަތަކީ އިރާނުން ކޮންޓްރޯލު ކުރާ ޖަމާއަތަކަށް ވަމުން ދާއިރު މިހަމަލާތަުގެ ސަބަބުން އިރާނަށް ދަނީ ގެއްލުން ވަމުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.