މޮރިޝަސް ކޮމާޝަލް ބޭންކަށް 66 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ މައްސަލައާ ގުޅިގެން ހޯދާ ނުފެނިފައިވާ ކ. މާލެ/ ވ. ރާހި، މުހައްމަދު ބާގިރު (50އ) ހޯދަން މިއަދުވެސް ފޮޓޯ އާންމު ކޮށްފިއެވެ.
ފުލުހުން ބުނީ، ބާގިރު ހޯދަމުން ދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރެވިފައި ނުވާތީވެ، މިމަހުގެ އަށްވަނަ ދުވަހުގެ ހެނދުނު 9:30 އަށް އެކޯޓަށް އޭނާ ހާޒިރު ކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.
ބާގިރާއި އޭނާގެ ކުރީގެ އަންހެނުން ޒީނިޔާ މުހައްމަދު ޒާހިރު ހޯދަން ފުލުހުން މިދިޔަ މަހުގެ ފަހުކޮޅު އިއުލާނު ކުރިއެވެ. އެ އިއުލާނާ ގުޅިގެން ޒީނިޔާ ފޭސްބުކްގައި ބުނީ، އޭނާއާއި ބާގިރު ކޯޓަށް ހާޒިރު ކުރަނީ ދެމީހުން ކައިވެނި ކޮށްގެން އުޅުނު އިރު، ޒީނިޔާގެ 1 ޕަސެންޓު ހިއްސާ އޮންނަ ގޮތަށް ބާގިރު އުފެއްދި ކުންފުނީގެ ދަރަނީގެ މައްސަލަތަކުގައި ކަމަށެވެ.
ބާގިރު މިހާރު އުޅެނީ އިނގިރޭސިވިލާތުގައި ކަން ކަމާބެހޭ ފަރާތްތަކަށް އެނގި އޭނާ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސްވެސް ނެރެފައި އޮންނަތާ ދުވަސްތަކެއް ވެއްޖެއެވެ.
އޭނާ ކޯޓަށް ހާޒިރު ކުރަން މަސައްކަތް ކުރަނީ، މޮރިޝަސްގެ ކޮމާޝަލް ބޭންކުން ނެގި ލޯނަކަށް ފައިސާ ނުދައްކާ މައްސަލައެއްގައެވެ. ބާގިރާއި ޒީނިޔާގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް 2012 ގައި 3.6 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް އަދި ޖެހިގެން އޮތް އަހަރު ދޮޅު ލައްކަ ޑޮލަރުގެ ލޯނެއް ވަނީ އެ ބޭންކުން ދޫކޮށްފައެވެ. ނަމަވެސް އެއްބަސްވެފައިވާ ގޮތަށް ފައިސާ ދައްކާފައި ނުވާތީވެ، 2016 ގައި 66.5 މިލިއަން ރުފިޔާ ދައްކަން ދެމީހުންގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ
ބާގިރާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.