ކޮވިޑްގެ ކޮން ވޭރިއަންޓެއް ކަން ދެނެގަތުމަށް ހަދާ ޑީއެންއޭ ސީކުއަންސިން އަށް ތައްޔާރު ވެފައިވާ ކަމަށާ، މިހާތަނަށް ހެދި ޓެސްޓްތަކުން ޑެލްޓާ ވޭރިއަންޓް އަދި އޮމިކްރޯން ވޭރިއަންޓް ރާއްޖެއިން ފެނިފައިވާ ކަމަށް އަމިއްލަ ލެބެއް ކަމަށް ވާ މެޑިފްލެކްސް އިން ބުނެފިއެވެ.

"ދަ ޕްރެސް" އާ ވާހަކަ ދައްކަވަމުން މެޑިފްލެކްސް ލެބްގެ އިސް އޮފިޝަލަކު ވިދާޅުވީ، ސީކުއަންސިން ހަދާ ލެބް މިހާރު މުޅިން ތައްޔާރު ވެފައިވާ ކަމަށާ، ހެލްތް މިނިސްޓްރީން ހުއްދަ ދިނުމާއެކު އެ ޓެސްޓްތައް ހެދޭނެ ކަމަށެވެ. އޭރުން އެ ލެބް ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮވިޑް ސާމްޕަލްގެ ޑީއެންއޭ ސީކުއަންސިން ހަދާ ލެބަށެވެ.

ސީކުއަންސިން ހަދާ މެޝިންގް ފޮޓޯއެއް/ ފޮޓޯ: މެޑިފްލެކްސް

މެޑިފްލެކްސް ލެބްގެ އޮފިޝަލު ވިދާޅުވީ، ހުއްދަ ހޯދުމުގެ ކުރިން ސީކުއަންސިންގެ ޓްރައަލް ރަން (އަޖުމަ ބެލުމުގެ ޓެސްޓް) ތަކެއް މިދިޔަ ހަފްތާގައި ހަދާފައި ވާނެ ކަމަށާ، މިގޮތުން ކޮވިޑަށް ޕޮޒިޓިވް 24 ސާމްޕަލެއްގެ ވޭރިއަންޓް ޓެސްޓް ކުރި ކަމަށެވެ.

މި ޓެސްޓްގެ ނަތީޖާ ދައްކާ ގޮތުން މީގެ ތެރެއިން 23 ސާމްޕަލަކުން ފެނިފައި ވަނީ ޑެލްޓާ ވޭރިއަންޓް ކަމަށާ، އެއް ސާމްޕަލުން އާ ވޭރިއަންޓް، އޮމިކްރޯން ވެސް ފެނިފައިވާ ކަމަށް ވެސް ލެބްގެ އޮފިޝަލު ވިދާޅުވިއެވެ. އަދި މިކަން ހުސްވި ހަފްތާގައި ވަނީ ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރަށް އަންގާފައި ކަމަށް ވެސް އެއޮފިޝަލު ވިދާޅުވިއެވެ.

ޓެސްޓް ކުރި 24 ކޮވިޑް ސާމްޕަލުން 23 ސާމްޕަލުން ފެނިފައިވަނީ ޑެލްޓާ ވޭރިއަންޓް އަދި ބާކީ އިން ސާމްޕަލުން ފެނުނީ އޮމިކްރޯން ވޭރިއަންޓް. މިކަން ވާނީ މިދިޔަ ހަފްތާގައި އެޗްއޯއީސީއަށް އަންގާފައި
މެޑިފްލެކްސް ލެބްގެ އޮފިޝަލު

އެއޮފިޝަލު ވިދާޅުވީ، ހެލްތް މިނިސްޓްރީ ހުއްދަ ދިނުމާއެކު އެލެބުން ބޭނުންވާ ސާމްޕަލްތަކުގެ ޑީއެންއޭ ސީކުއަންސިން ހެދުމަށް ފުރުސަތު ލިބޭނެ ކަމަށާ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފޮނުވާ ސާމްޕަލްތައް ވެސް ހަދައިދޭނެ ކަމަށެވެ. މިވަގުތު ރާއްޖެއިން ސީކުއަންސިން ހަދަމުން ދަނީ ބޭރަށް ސާމްޕަލް ފޮނުވައިގެންނެވެ.

މެޑިފްލެކްސް ލެބުން ބުނީ އެލެބުން ޑީއެންއޭ ސީގުއަންސިން ހެދުމަށް ބޭނުން ކުރަނީ ބައިނަލްއަގުވާމީ އެހެން ފަރާތްތަކުން ވެސް މިކަން ކުރަން ބޭނުން ކުރާ ޕްރޮގްރާމްތައް ކަމަށާ، މިކަމަށް އެލެބުގެ މުވައްޒަފުން ވެސް ތަމްރީނު ކޮށްފައި ވަނީ ބައިނަލްއަގުވާމީ މިނަގްނޑުތަކަށް ކަމަށެވެ.

މެޑިފްލެކްސް ލެބްގެ ޓެކްނީޝަނުން ވަނީ ޑިއެންއޭ ސީކުއަންސިން ހަދަން ތަމްރީނުކޮށްފައި/ ފޮޓޯ: މެޑިފްލެކްސް ލެބް

އަދި ސީކުއަންސިން އިން ލިބޭ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއާ ހިއްސާކުރަމު ންދާނެ ކަމަށް ވެސް މެޑިފްލެކްސް ލެބުން ވަނީ ބުނެފައެވެ.

ރާއްޖެއިން އޮމިކްރޯން ވޭރިއަންޓް ފެނިފައިވާ ކަން އެޗްޕީއޭއިން ވެސް ރޭ ކަށަވަރުކޮށް ދީފައިވާ އިރު މިހާތަނަށް ރާއްޖެއިން އެ ވޭރިއަންޓަށް ޕޮޒިޓިވް ވެފައި ވަނީ ދެކުނު އެފްރިކާއިން ރާއްޖެއަށް އައި އެގައުމުގެ ފަތުރުވެރިއެކެވެ.