ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި ބޭނުންކުރަން ގެނައި 20 އެމްބިއުލާންސްގެ 2 ވަނަ ޝިޕްމަންޓް ރަށްރަށަށް ފޮނުވަން ފަށައިފިއެވެ.

އެސްޓީއޯ އާ އެއްކޮށް ހެލްތު މިނިސްޓްރީން މިދިޔަ ޖޫން މަހު ހަދާފައިވާ އެއްބަސްވުމުގެ ދަށުން، ހަ މަސްދުވަހުގެ ތެރޭގައި 96 އެމްބިއުލާންސް ގެންނަން ޖެހެއެވެ.

އޭގެ ތެރެއިން 20 އެމްބިއުލާންސެއް ރާއްޖެ ގެނެސް މިދިޔަ މަހުގެ 13 ގައި 20 ރަށަކަށް އެމްބިއުލާންސްތައް ފޮނުވާލާފައި ވާއިރު، ބާކީ ހުރި އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސެއް މިދިޔަ މަހުގެ ފަހުކޮޅު ގެނެސް، ވަނީ ރަށްރަށަށް ފޮނުވާލާފައެވެ.

މިއާއެކު 60 އެމްބިއުލާންސެއް މިހާރު ރަށްރަށަށް ފޮނުވާލާފައި ވާއިރު، ބާކީ 36 އެމްބިއުލާންސް ނުފޮނުވާ އަދި އެބައޮތެވެ.

އެމްބިއުލާންސްތައް ފޮނުވަން ނިންމާފައިވާ ރަށްތައް:

  • ހދ. ކުމުންދޫ
  • ށ. ބިލެތްފަހި
  • ށ. ނަރުދޫ
  • ނ. ފޮއްދޫ
  • ނ. ކުޑަފަރި
  • ބ. ކެންދޫ
  • އއ. މަތިވެރި
  • އދ. މަންދޫ
  • އދ. ފެންފުށި
  • ފ. ފީއަލި
  • މ. ކޮޅުފުށި
  • ތ. ވަންދޫ
  • ތ. ބުރުނި
  • ތ. ދިޔަމިގިލި
  • ލ. ކުނަހަންދޫ
  • ގއ. ކޮލަމާފުށި
  • ގއ. ނިލަންދޫ
  • ގދ. ރަތަފަންދޫ
  • އއ. ބޮޑުފޮޅުދޫ
  • މ. ދިއްގަރު

ސިއްހީ ހިދުމަތްދޭ ހުރިހާ ރަށަކަށްވެސް އެމްބިއުލާންސް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުން ދާއިރު، ބައެއް ރަށްރަށުގައި އެމްބިއުލާންސް ނެތިގެން ނުވަތަ އެމްބިއުލާންސް ހަލާކުވެގެން ސިއްހީ މަރުކަޒުތަކަށް ބަލިމީހުން ގެންދިއުމުގައި ދަތިތަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ. އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީއަށްވެސް ބައެއް މީހުން ފާޑުކިޔާފައިވެސް ވެއެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރުމަކީ މިސަރުކާރުގެ ސިއްހީ ވައުދުތަކުގެ ތެރޭ ހިމެނޭ ކަމެކެވެ.