ރާއްޖޭގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ބަންގްލަދޭޝްގެ ގައިދީން ގައުމަށް ފޮނުވާލުމަށް އެއްބަސްވުމެއް އެކުލަވާލުމުގެ ޑްރާފްޓުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގެ ޖަލުތަކުގައި އެ ގައުމުގެ 100 އެއްހާ ކުށްވެރިން ބަންދުކޮށްފައި އެބަ ތިބި ކަމަށް ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ބަންގްލަދޭޝްގެ ސަފީރު މުހައްމަދު ނަޒުމުލް ހަސަން އާ ހަވާލާދީ ބަންގްލަދޭޝްގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އޭގެ ތެރޭގައި ޑްރަގް ޓްރެފިކިން ފަދަ މައްސަލަތަކުގައާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގައި ބަނދުކޮށްފައި ތިބި ގައިދީން ހިމެނޭ ކަމަށް ވެސް ސަފީރު ފާހަގަ ކުރެއްވިއެވެ. ސަފިރު ވަނީ ބަންދުކޮށްފައި ތިބި އެގައުމުގެ ގައިދީންގެ ތެރެއިން 30 އެއް ހާ މީހުން އެނބުރާ ގައުމަށް ފޮނުވާލުމުގެ ކަންކަން ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ހަފްސީ އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ޖަލުގައި ތިބި ބަންގްލަދޭޝް މީހުން ޝަރުތުތަކަކާއެކު އަނބުރާ ގައުމަށް ފޮނުވާލުމަށް އެއްބަސް އެކުލަވާލަން ޑްފާންޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ލައްކައެއްހާ މީހުންގެ ތެރެއިން ބައި ލައްކަ މީހުންނަކީ ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ މީހުން ކަމަށް ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނުން ދާދި ފަހުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ މީހުންގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެން ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައިބަންގްލަދޭޝް މީހުން މަސައްކަތު މީހުންގެ ގޮތުގައި ރާއްޖެއަށް ގެނައުން ވަނީ މަނާކޮށްފައެވެ. ހަމައެހެންމެ ބަންގްލަދޭޝްގެ ބައެއް މީހުން އަނބުރާ ގައުމަށް ވެސް ވަނީ ފޮނުވާލާފައެވެ.