"ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމް 2021 "ގެ ދަށުން، މީހުން ތަމްރީން ކުރުމަށްޓަކައި އެމްޓީސީސީން މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސްއެންޑް ކޮމިއުނިޓީ އެމްޕަވާމަންޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު އެމްޓީސީސީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ. އަދި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއީލެވެ.

އެމްޓީސީސީން ބުނީ މި އެއްބަސްވުން ތަންފީޒު ކުރެވޭނީ "ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" މެދުވެރިކޮށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑެވެލޮޕްމަންޓް އޮތޯރިޓީއިން އެއޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑާޑްގެ މިންގަނޑުތަކާއި ސަރުކާރުގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ މިންގަނޑުތަކާ އެއް ގޮތަށް ކަމަށެވެ.

ހުނަވަރު ޕްރޮގްރާމްއަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީއިން ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ ހުނަވަރު ޕްރޮގްރާމްގެ މަގްސަދަކީ ތަމްރީނާއި، ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުން ކަމަށާއި މި ޕްރޮގްރާމް 2 ބަޔަކަށް ބެހިގެންވާ ކަމަށެވެ. އެއީ މިއަހަރު ޖެނުއަރީ މަހުން ފެށިގެން ކުރިއަށްދާ ހުނަވަރު ލައިސެންސިން ޕްރޮގްރާމްއާއި ހުނަވަރުޓެކްނިކަލް ސްކިލްސް ޕްރޮގްރާމެވެ.

މިގޮތުން މިހާރު މިފެށޭ ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ މިއަހަރުން ފެށިގެން 3 އަހަރުގެ މުއްދަތަކަށް ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީގެ އަމާޒަކީ 3 އަހަރު ދުވަހުގެ ތެރޭ 100 މީހުން ތަމްރީން ކުރުން ކަމަށާއި މިއަހަރު މި ޕްރޮގްރާމްގެ ދަށުން 30މީހުން ތަމްރީން ކުރެވިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

އެމްޓީސީސީން ބުނީ މި ޕްރޮގްރާމްގެ ދަށުން ، ވެލްޑިންގް، ޕްލަމްބަރިން، އިލެކްޓްރިކް މަސައްކަތް، އޮޓޮމޯޓިވް މެކޭނިކް މަސައްކަތް، ވަޑާންކުރުން އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒް ކުރުން ފަދަ ދާއިރާތަކަށް މީހުން ތަމްރީން ކުރެވިގެންދާނެ ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ކޮންމެ ބައިވެރިޔަކު ވެސް 6 މަސް ދުވަހުގެ މުއްދަތަށް ތަމްރީން ކުރެވިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މި ޕްރޮގްރާމްގެ ބައިވެރިންނަށް 3000 ރުފިޔާގެ އެލަވަންސެއް ކޮންމެ މަހަކު ލިބޭނެ ކަމަށާއި މީގެ އިތުރުން ވޯކްސައިޓްގެ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭނަމަ ހުރުމާއި ކެއުން އަދި އެއްގަމާއި ވައިގެ ދަތުރުފަތުރުގެ ހަރަދު ވެސް ހަމަޖައްސަދެވޭނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

އެމްޓީސީސީން ބުނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކުރިއަށްދާ "ހުނަވަރު ލައިސެންސިންގް ޕްރޮގްރާމް" ގެ ދަށުން 23 މީހުން ޝޯޓްލިސްޓް ކުރެވި 15 މީހުން ޕްރޮގްރާމް ފަށާފައިވާ ކަމަށާއި މިފަރާތްތައް މަސައްކަތް ކުރަމުންދަނީ ޏ. ފުވައްމުލަށް، ގދ. ތިނަދޫ އަދި ލ. ފޮނަދޫގައި ކަމަށެވެ. އަދި މީގެ ތެރެއިން 13 މީހަކު ޕްރޮގްރާމް ފުރިހަމަކޮށް އެމްޓީސީސީ އެކްސްކަވޭޓާ އޮޕަރޭޓަރުންގެ ގޮތުގައި ވަޒީފާ އަދާކުރަމުންދާ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.