ޝަރީއަތް ނިމެންދެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓަން ދައުލަތުން އެދިފިއެވެ.

ރައީސް ޔާމީންގެ ޕާސްޕޯޓް މިހާރު ހިފަހައްޓާފައި ވަނީ ރ. ފުއްގިރި މައްސަލައާ ގުޅިގެންނެވެ.

އެ މަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓަން އަމުރަކަށް އެދިފައިވަނީ މިދިޔަ މަހު 30 ވަނަ ދުވަހުއެވެ. އެ ދުވަހު ހަތް ދުވަހުގެ އަމުރެއް ނެރުނު އިރު އެއަމުރުގެ މުއްދަތު ހަމަވާތީ މިއަދު ވަނީ ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވާފައެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބުނީ ޝަރީއަތް ނިމެން ދެން ޔާމީންގެ ޕާސްޕޯޓު ހިފަހައްޓައި ދިނުމުގެ އަމުރަކަށް އެދިފައި ވަނީ ކުށެއް ކޮށްފައިވާ ކަމުގެ ހެކި އެކަށީގެންވާ ވަރަށް ހުރުމުން ކަމަށެވެ. އަދި ރާއްޖެ ދޫކޮށް ފިލައިގެން ދިއުމުގެ ހެކި ވެސް ހުރި ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަ ދެއްކުމަށް ލިބުނު ފުރުސަތުގައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ފިލަން އުޅޭކަމަށް ބުނެ ފުލުހުން ކުރަނީ ވަރަށް ބޮޑު ތުހުމަތެއް ކަމަށާއި އެކަމާ ގުޅިގެން ވަކީލުންނާއެކު ދިރާސާ ކުރެއްވުމަށް ވަގުތު ބޭނުންފުޅުވާ ކަމަށެވެ.

ވަރަށް ކޮށްގެން ނުވާނެ ކަހަލަ އިލްޒާމެއް އެ އުފުލީ ފުލުހުންގެ ފަރާތުން. އެހެންވީމާ އަޅުގަނޑު ބޭނުންވޭ ކޮން ކަހަލަ ހެކިތަކެއް އެ މީހުންނަށް ލިބިގެން އުޅޭތީތޯ މިވަރުގެ އަމުރަކަށް އެދިގެން މި އުޅެނީ. އެހެންވީމާ އެ ދިރާސާކުރަން އަޅުގަނޑު ވަގުތު ބޭނުންވާ ވާހަކަ ދަންނަވަން
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ، މައްސަލައާ ގުޅޭ ލިޔުންތައް ލިބުނީ މިއަދު ހެނދުނު ކަމަށާއި އެހެންވެ ތައްޔާރުވާން ވަގުތު ބޭނުންވާނެ ކަމަށެވެ. އެކަން ދިރާސާ ކުރަން ދެ ހަފުތާގެ މުއްދަތެއް ދިނުމަށް އެދުމުން ދައުލަތުން ވަނީ އެއީ ކުރިން ވެސް ފުލުހުން މެދުވެރިކޮށް ހުށަހަޅާފައިވާ ކަމަކަށް ވާތީ މިކަމުގައި އާ ކަންތައްތަކެއް ފާހަގަކޮށްފައި ނުވާތީ މިއަދު ގޮތެއް ނިންމުމަށް އެދިފައެވެ.

އެގޮތުން މިއަދު 4 ޖަހާއިރު މިމައްސަލައިގައި ގޮތެއް ނިންމުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށް މިމައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވިއެވެ.

ފުއްގިރީގެ މައްސަލާގައި ޔާމީނުގެ މައްޗަށް އުފުލާފައި ވަނީ އެ ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާއެވެ.

މި މައްސަލާގައި ޖޫން 28، 2020 ގައި ރައީސް ޔާމީންގެ މައްޗަށް އުފުލީ، ގާނޫނުލް އުގޫބާތުގެ 510ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ރ)ގެ ދަށުން ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 53ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ ފަސްވަނަ މާއްދާގެ ތިންވަނަ ނަންބަރާއި ހަވާލާދީ އެ ގާނޫނުގެ 53ވަނަ މާއްދާގެ (ށ)ގެ ދަށުން މަނީ ލޯންޑަރިން ކުށުގެ ދައުވާއެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލީ މީގެ ދެއަހަރު ކުރިން ނޮވެމްބަރު 28 ގައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނުވެމްބަރު މަހުގެ 30 ވަނަ ދުވަހު އެ ހުކުމް ބާތިލް ކުރުމުން ޔާމީން ވަނީ މިނިވަން ވެފައެވެ.