އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ ހަރަކާތްތައް އިތުރުކުރުމުގެ ގޮތުން އަތޮޅުތެރޭގައި މި ހަރަކާތް ފުޅާކުރަން މަޝްވަރާ ކޮށްފިއެވެ.
މި މަޝްވަރާ ކޮށްފައި ވަނީ މިވަގުތު މާލޭގައި ތިއްބެވި ކައުންސިލަރުންނާއި، ސްޓިއަރިން ކޮމިޓީތަކުގެ މެންބަރުން އަދި ބައެއް ރަށްރަށުގެ އިސް ފަރާތްތަކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ބައްދަލުކުރެއްވުމުގައި ކަމަށް ޕީޕީއެމް އިން ބުނެއެވެ.
ޕީޕީއެމްއިން ބުނީ މި ބައްދަލުވުމުގައި ރައީސް ޔާމީން ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ވާ ކަމަށެވެ.
މިގޮތުން އިންޑިޔާ މިލިޓަރީ ސިފައިން ބޭލުމަށް ހިންގާ ހަރަކާތްތައް އަތޮޅުތަކުގައި ފުޅާ ކުރުމަކީ އެންމެ އިސްކަންދެއްވާ ކަންތައް ކަމުގައި ރައީސް ޔާމީން ވިދާޅުވި ކަމަށް ވެސް ޕީޕީއެމްއިން ވަނީ ބުނެފައެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރުމަށް އިދިކޮޅުން ފުޅާ ކެމްޕޭނެއް ހިންގާ އިރު، "އިންޑިއާ އައުޓް" ގެ އޯނާޝިޕް އިދިކޮޅުން ރަސްމީކޮށް ނަގާފައެއް ނުވެއެވެ. ނަމަވެސް އިންޑިއާ އައުޓް ކެމްޕޭނުގައި އިދިކޮޅުން ގެންދަނީ ބައިވެރިވަމުންނެވެ.
ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލީ މީގެ ދެއަހަރު ކުރިން ނޮވެމްބަރު 28 ގައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނުވެމްބަރު މަހުގެ 30 ވަނަ ދުވަހު އެ ހުކުމް ބާތިލް ކުރުމުން ޔާމީން ވަނީ މިނިވަން ވެފައެވެ.
ޔާމީން މިނިވަން ވެފައި ވީ ނަމަވެސް ޕީޖީން އަދިވެސް ވަނީ އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށް ކްރިމިނަލް ކޯޓަށް ދެ މައްސަލައެއް ހުށަހަޅާފައެވެ.