ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން ފެނަކަ ކޯޕަރޭޝަނަށް ރިވެލި އެވޯޑް ލިބިއްޖެއެވެ.

ރިވެލި އެވޯޑަކީ ޖެންޑާ މިނިސްޓްރީ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލާ ގުޅިގެން ކޮންމެ 2 އަހަރުން 1 އަހަރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެމީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެ ވޯޑެކެވެ.

ފެނަކައިން ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމައުގައި ބޭނުންތެރި ބަލައިގަންނަ ބަޔަކަށް ހަދާ އެފަރާތްތަކުގެ އެކިއެކި ހުނަރުތައް ތަރައްގީކުރުމަށް މަގުފަހިކޮށްދީ އެ ހުނަރުތައް މަސައްކަތުގެ ދާއިރާގައި ބޭނުންކުރާނެ ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމަށާއި އެފަދަ ފަރާތްތައް މުޖުތަމައުން އެކަހެރިކުރެވެމުން ދިޔަ ދިޔުން ނިމުމަކަށް ގެނެސް އިންސާނީ ހައްގުތަކުގެ ރޮނގުން އެފަރާތްތަކަށް ލިބެންޖެހޭ ހައްގުތައް ލިބިދެވޭކަން ކަށަވަރުކުރުމުގެ ގޮތުން އެ ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އޭގެތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކުންފުނިން އެފަރާތަކަށް އެންމެ އެކަށީގެންވާ ވަޒީފާއެއް ހަމަޖައްސައިދިނުން ނުވަތަ އެފަރާތެއްގެ ހުނަރު ތަރައްގީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

އެ ކޯޕަރޭޝަނުން ވަނީ ނުކުޅެދެންތެރިކަން ހުންނަ ފަރާތްތަކާ ގުޅިގެން އެ ކުންފުނިން ނިންމާ އެންމެހައި ނިންމުންތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަބަދުމެ ދެއްވަމުންގެންދަވާ އަގުހުރި ލަފަޔާއި އިރުޝާދު ފާހަގަކޮށް އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ.