ބީއެމްއެލްގެ ކޯ ސިސްޓަމްތައް އަޕްގްރޭޑްކޮށް ނިމި މިހާރު މައްސަލަތައް އެއްކޮށް ހައްލުކުރެވިއްޖެ ކަމަށް، ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވެއްޖެއެވެ.

ބީއެމްއެލުންދޭ ހިދުމަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ބްރީފިންގައި ޓިމް ވިދާޅުވީ، ސިސްޓަމް އަޕްގްރޭޑިންގައި ދިމާވި މައްސަލަތައް މިހާރު އެއްކޮށް ހައްލުކުރެވިއްޖެ ކަމަށާއި، ދެން އޭގެ ސަބަބުން ހިދުމަތްތައް މެދު ނުކެނޑޭނެ ކަމަށެވެ.

އަދި މި މައްސަލަ ދިމާވުމަށް މެދުވެރިވި ސަބަބު ހޯދައި އެކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ފިޔަވަޅުތައް އަޅަމުން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު، ބޭންކުގެ ހިދުމަތް މެދުކެނޑުނު އިރު ޓްރާންސެކްޝަންތަކުގައި މައްސަލައެއް ދިމާވެފައިވާނަމަ އިންޓަނެޓް ނުވަތަ މޯބައިލް ބޭންކް މެދުވެރިކޮށް މެސެޖު ކުރުމަށްވެސް އެދިވަޑައިގަތެވެ.

މިކަމާ ގުޅިގެން ކަސްޓަމަރުންގެ ކިބައިން މާފަށް އެދިވަޑައިގެންނެވުމަށް ފަހު ޓިމް ވިދާޅުވީ، މެއިންޓަނެންސް މަސައްކަތްތަކުގެ ސަބަބުން ވަކި ވަގުތުތަކުގައި ބޭންކުގެ ހިދުމަތްތަކަށް ބުރޫ އަރާފާނެ ކަމަށާއި، އެފަދަ މަސައްކަތެއް ތާވަލުކުރާނަމަ ކަސްޓަމަރުންނަށް އެކަން ދުރާލާ އަންގާނެ ކަމަށެވެ.

އަދި ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތަކީ ފަހުގެ ޓެކްނޮލޮޖީ އާއި ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ޓިމް ވަނީ ފާހަގަކުރައްވާފައެވެ.