ބީއެމްއެލް އިސްލާމިކް އިން ގައުމީ ޔުނިވަސިޓީގެ ދަރިވަރުންނަށް ފައިނޭންޝަލް ލިޓްރަސީ ސެޝަނެއް ބާއްވައިފިއެވެ.
ގައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި މިއަދު ބޭއްވި މި ސެޝަނުގައި އިސްލާމިކް ފައިނޭންސާއި އިސްލާމިކް ބޭންކިންގް އާއި ފަހަށް ރައްކާކުރުމުގެ ސަގާފަތެއް ބިނާކުރުމުގެ މުހިއްމުކަމާއި ބެހޭގޮތުން ވަނީ މައުލޫމާތުދީފައެވެ.
މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބީއެމްއެލްއިން ދަނީ އަބަދުވެސް މިކަހަލަ ސެޝަންތައް ބާއްވަމުންނެވެ.
ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލް އިސްލާމިކުން އެކައުންޓާއި ކާޑު އަދި ފައިނޭންސިން ހިދުމަތްތައް ހިމެނޭހެން ހުރިހާ އިސްލާމިކް ބޭންކިން ހިދުމަތްތަކެއް ދަނީ ފޯރުކޮށްދެމުންނެވެ. އަދި އިސްލާމިކް އޯވާޑްރާފްޓް ފައިނޭންސިންގް އާއި ކޭޝް ފައިނޭންސިން އާއި ހައިބްރިޑް ހޯމް ފައިނޭންސިންގެ އިތުރުން އިސްލާމިކް ޑެބިޓް ކާޑު ރާއްޖެއަށް ތައާރަފްކުރި ބޭންކުގެ އިތުރުން އެއީ އިސްލާމިކް ކްރެޑިޓްކާޑު ދޫކުރާ ހަމައެކަނި ބޭންކުވެސްމެއެވެ.
މިއަހަރަކީ ބީއެމްއެލް އިސްލާމިކްގެ ހިދުމަތް 10 އަހަރު ފުރުނު އަހަރެވެ. ބީއެމްއެލް އިސްލާމިކުގެ 10 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ބޭންކުގެ 10 ކަސްޓަމަރަކަށް ހައްޖު ދަތުރު ލިބޭ ހާއްސަ ޕްރޮމޯޝަނެއްވެސް ބޭންކުން ވަނީ ފަށާފައެވެ.
ބީއެމްއެލް އިސްލާމިކްގެ ހިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ހިދުމަތް ބޭނުން ކުރަން ފަށާ ކަސްޓަމަރުންގެ ތެރެއިން ފައިނޭންސިން ފެސިލިޓީއެއް ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި، މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށާއި، ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓް ނުވަތަ އިސްލާމިކް ކްރެޑިޓް ކާޑެއް ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.