ބީއެމްއެލް އިން ހޯމް ލޯނާއި ކިޔަވާ ލޯނުގެ ރޭޓުތައް 9 ޕަސެންޓަށް ދަށްކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ، އަލަށް ގެނެވުނު ބަދަލުގެ ސަބަބުން ކަސްޓަމަރުން އަލަށް އެދި ހުށަހަޅާ ލޯނާއި، މާލީ އެހެނިހެން އިދާރާތަކުން ރީފައިނޭންސް ކުރުމަށް ހުށަހަޅާ ލޯނުތައް އެންމެ ކުޑަ ރޭޓުގައި ލޯނު ދޫކުރުމަށް މިހާރު ވަނީ ހަމަޖެހިފައި ކަމަށެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ މިވަގުތު ބޭންކް މިއޮތީ ލޯން ޕޯޓްފޯލިއޯގައި ހިމެނޭ ލޯނުތަކުގެ ރޭޓު ދަށްކުރެވޭ ހާލަތެއްގައި ކަމަށާއި، އެހެންކަމުން މި ގެނެވުނު ބަދަލާއެކު ގެދޮރު ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އެތައް ގޮތަކުން ފަސޭހަވެގެން ދާނެ ކަމަށެވެ.

"މިސާލަކަށް ދަންނަވާނަމަ، ތިން މިލިއަން ރުފިޔާގެ ލޯނަކުން ގާތްގަނޑަކަށް ބައި މިލިއަން ރުފިޔާ ރައްކާކުރެވޭނެ. މީގެ އިތުރުން އަޅުގަނޑުމެން މިވަނީ ކިޔަވާ ލޯނުގެ ރޭޓް ދަށްކޮށް ލައިފްސްޓައިލް ލޯނުގެ ޝަރުތުތަކަށްވެސް މިވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައި." ސޯޔާ ވިދާޅުވިއެވެ.

އަލަށް ކަނޑައެޅުނު ރޭޓުތަކަށް މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރަމުން ގެންދާނެ ކަމަށް ބީއެމްއެލުން މައުލޫމާތުދެއެވެ. އަދި ބީއެމްއެލް އިސްލާމިކް އިން ޝަރީއާ ހަމަތަކުގެ މަތިން ދޫކުރާ ފައިނޭންސިން ޕްރޮޑަކްޓަތަކަށްވެސް މިބަދަލު ގެނެސްފައިވާ ކަމަށް ބޭންކުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ލޯނަށް އެދި ހުށަހަޅާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް، ރަހުނަކާ ނުލާ ދޫކުރާ ހުރިހާ ލޯނަކަށް އެދި މިހާރު ހުށަހެޅޭގޮތް ހަމަޖައްސާފައިވާނެ ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.