ސަރުކާރުން ކޮންމެ ކަމެއް 2023 އާ ގުޅުވާ ރައްޔިތުން ގުނބޯ ހައްދާކަމަށް ވިދާޅުވެ، 2023 ގައި ސަރުކާރަށް ދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. ޔާމީން އިޝާރާތް ކުރެއްވީ 2023 ގެ އިންތިހާބަށެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ "މަރުހަބާ ރައީސް ޔާމީން" ގެ ނަމުގައި ރޭ ކާނިވަލުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޔާމީން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބައެއް ވައުދުފުޅު ތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެެވެ.

މިގޮތުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ކުރަން ވައުދުވި ކަންކަން ސަރުކާރަށް 3 އަހަރު ވީއިރު ފުރިހަމަ ވެއްޖެތޯ ރައްޔިތުން ސުވާލު ކުރާނެ ކަމަށާއި އަދި އެއީ ރައްޔިތުންގެ ހައްގެއް ކަމަށެވެ. ނަމަވެސް އެ ސުވާލުތަކަށް ސަރުކާރުން މުޅިންވެސް ދޭ ޖަވާބަކީ ކޮންމެ ކަމެއްވެސް ކުރެވެން އޮތީ 2023 ގައި ކަމަށް ބުނެ ދޭ ޖަވާބެއް ކަމަށެވެ.

ރޭ އިދިކޮޅުން ކާނިވަލުގައި ބޭއްވި ޖަލްސާގެ ތެރެއިން
ސިވިލް ސާވިސް މުވައްޒަފުންގެ ކަނޑާލައިފާ އޮތް އެލަވަންސް ދޭނީ ކޮންއިރަކުން ހެއްޔެވެ؟ ޖަވާބު 2023 ގައި. މަސްވެރިން ބާނާ މަސްކޮޅަށް ހަމަ އަގު ލިބޭނީައިކޮންއިރަކު ހެއްޔެވެ؟ ޖަވާބު 2023 ގައި. ތިލަމާލެ ބްރިޖް ފެންމަތި ފެންމަތިވާނީ ކޮންއިރަކު ހެއްޔެވެ؟ ޖަވާބު 2023 ގައި. ދިއްދޫ ޖޫނިއާ ކޮލެޖުގައި ކިޔަވަދޭން ފަށާނީ ކޮންއިރަކު ހެއްޔެވެ؟ ޖަވާބު 2023 ގައި. ޓެރަރިޒަމް ހުއްޓުވޭނީ ކޮންއިރަކުން ހެއްޔެވެ؟ ޖަވާބު އިންޑިއާ ސިފައިން މިތާ ބައިތިއްބައިގެން އެ މީހުންގެ އެހީތެރިކަމާއެކީ 2023ގައި. މަސްތުވާތަކެތިން ދިވެހިން އަރައިގަންނަން މިކުރާ މަސައްކަތް އެއް ގިޔަރަށްލައިގެން ކުރިއަށް ގެންދާނީ ކިހިނެތް ހެއްޔެވެ؟ ޖަވާބު އިންޑިއާ ސިފައިންގެ އެހީތެރިކަމާއެކީ އެމީހުން މިތާ ތިބެގެން 2023 ގައި"
ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ވަނީ ކޮންމެ ކަމެއް ވެސް 2023 އޭ ކިޔައިގެން ސަރުކާރުން ރައްޔިތުން "ގުނބޯ" ހައްދަނީ ކަމަށް ވިދާޅުވެ، ފާޑު ވިދާޅުވަމުން ސަރުކާރުން 2023 އޭ ކިޔާ ކިޔުމަށް އެމަނިކުފާނު 2023 ގައި ޖަވާބު ދެއްވާނެ ކަމަށް ވިދާޅުވެފަައެވެ.

" އަޅުގަނޑު ސުވާލު، ދިވެހިން ގުނބޯ ހެއްދުން ހުއްޓުވާނީ ކޮންއިރަކުންތޯ؟ ޖަވާބު 2023 ގައި"
ރައީސް އަބްދުﷲ ޔާމީން

2023 އާ ގުޅުވައި ރައީސް ޔާމީނު ރޭ ވާހަކަ ދެއްކެވި އިރު، ކޮވިޑް-19ގެ ސަބަބުން ކަނޑާލި ސިވިލް ސާވިސް މުވައްޒަފުންގެ ސެޓްފިކެޓް އެލަވަންސް އާއި ޕާފޯމެންސް އެލަވަންސް އަލުން ދެވެން ފެށޭނީ ކޮންއިރަކުތޯ މަޖިލީހުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ސުވާލު ކުރެއްވުމުން އަމީރު ވަނީ އަންދާޒާ ކުރެވެނީ 2023 ގައި ކަމަށް ވިދާޅުވެފައެވެ.

މާލެ, ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލާ "ތިލަމާލެ ބްރިޖު" ފެނުން މައްޗަށް ފެންނަން ހުންނާނީ 2023 ގައި ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

ދިއްދޫ ޖޫނިއާ ކޮލެޖުގައި ހިދުމަތް ދެވެން ފަަށާނީ ކޮންއިރަކުތޯ އެ ދާއިރާގެ މެމްބަރު މަޖިލީހުގައި ކުރެއްވި ސުވާލުގެ ޖަވާބުގައި އެކަން ވާނީ 2023 ވަނަ އަހަރުގައި ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ޙަސަން ވަނީ ވިދާޅުވެފައެވެ.

ރޭގެ ޖަލްސާއަކީ، މަނީ ލޯންޑަރިންގެ ކުށެއް ސާބިތުގެ 5 އަހަރުގެ ޖަލުހުކުމެއްގައި ހުންނެވި ޔާމީން ސްޕްރީމް ކޯޓުން މިނިވަން ކުރުމާއެކު އެމަނިކުފާނަށް ހާއްސަކޮށްގެން ބޭއްވި ޖަލްސާއެކެވެ. ސްޕްރީމް ކޯޓުން ޔާމީން މިނިވަން ކުރި ނަމަވެސް މަނީ ލޯންޑަރިންގައި ހިމެނޭ ފައިސާއާ މެދު ސްޕްރީމް ކޯޓުން އޮތީ ސުވާލު އުފައްދާފައެވެ. އަދި އެ ފައިސާގެ މައްސަލަ އަލުން ބެލޭނެ ކަމަށްވެސް ސްޕްރީމް ކޯޓުގެ ނިންމުމުން އެނގެއެވެ.

5 އަހަރުގެ ޖަލު ހުކުމާއި 5 މިލިއަން ޑޮލަރުގެ ޖޫރިމަނާއިން ޔާމީން ސަލާމަތްވެވަޑައިގެން އިރު، މަނީ ލޯންޑަރިންގެ އިތުރު 2 ދައުވާއެއް މިހާރުވެސް ދައުލަތުން ޔާމީނުގެ މައްޗަށް ވަނީ އުފުލާފައެވެ. އެ ދެ ދައުވާ އަކީ ރ. ފުއްގިރި އާއި ވ. އާރަށުގެ މައްސަލައެވެ. ރ. ފުއްގިރި މައްސަލައިގައި ޔާމީނުގެ މައްޗަށް އުފުލާފައި ވަނީ އެ ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރެއްވުމުގެ ދައުވާއެވެ. ވ. އާރަށުގެ މައްސަލައިގައި އުފުލާފައި ވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރު ނަގައި ލޯންޑާ ކޮށްފައިވާ ކަމުގެ ދައުވާއެވެ.