ހަލުވިކަމާއެކު ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑްގެ އާވޭރިއަންޓް އޮމިކްރޯންގެ ސަބަބުން ދުނިޔޭގެ އިގްތިސޯދީ ކުރިއެރުމަށް އަސަރު ކުރާނެ ކަމަށް ބައިނަލްއަގްވާމީ މާލީ އިދާރާ އައިއެމްއެފްގެ އިސްވެރިޔާ ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ ފަހު ކޮޅު ދެކުނު އެފްރިކާއިން ފުރަތަމަ ފެނުނު މި އާވެރިއަންޓް މިހާރު ވަނީ ދުނިޔޭގެ 40 އަށް ވުރެ ގިނަ ގައުމުން ފެނިގެން ރިޕޯޓްކޮށްފައެވެ. ބައެއް ގައުމުތަކުގެ ދަތުރުވެރިންނަށް ބޯޑަރުތައް ބަންދުކޮށް ހަދާ ދުނިޔޭގެ ގިނަ ގައުމުތަކުން ފިޔަވަޅުތައް އެޅިނަމަވެސް މި ވޭރިއަންޓް ފެތުރޭނެ ކަމުގެ އިންޒާރު ސިއްހީ މާހިރުން ވަނީ ދީފައެވެ.
މިކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސޯދަށް ކުރާނެ އަސަރާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އައިއެމްއެފްގެ މެނޭޖިންގް ޑިރެކްޓަރު ކްރިސްޓިލީނާ ޖިއޯގީވާ ވިދާޅުވީ، ހަލުވި ކަމާއެކު ފެތުރޭ ވޭރިއަންޓެއްގެ ސަބަބުން ގައުމުތަކުގެ އިގްތިސާދުތަކަށް އޮންނަ އިތުބާރު ކުޑަވުމަކީ އެކަށިގެންވާ ކަމެއް ކަަމަށާ މީގެ ސަބަބުން އިގްތިސާދީ ކުރިއެރުމަށް އަސަރު ކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، އެހެން ކަމުން ދުނިޔޭގެ އިގްތިސާދު މިދިޔަ އޮކްޓޯބަރު މަހު ކުރިއަރާނެ ކަމަށް ލަފާކޮށް އެކުލަވާފައިވާ އަދަދުތަކަށް ވުރެ އިގްތިސާދީ ކުރިއެރުން ދަށްވާނެ ކަމަށް ލަފާ ކުރައްވާ ކަމަށެވެ.
ހުކުރު ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ އޮމިކްރޯން ވޭރިއަންޓަކީ މީގެ ކުރިން ފެނުނު ޑެލްޓާ ވޭރިއަންޓަށް ވުރެ ފަސޭހައިން ފެތުރޭ ވޭރިއަންޓަކަށް ވުން އެކަށިގެން ކަމަށެވެ. އެހެން ނަމަވެސް ހާސްވެގެން ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި ކުރިން ހިނގި ކަންކަމުން ފިލާވަޅު ލިބިގެން ފިޔަވަޅުތައް އެޅުމަށް ވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިލްތިމާސްކުރިއެވެ.
ވިލާތުގެ ބޮޑެތި ގައުމުތަކުގެ އިތުރުން އެމެރިކާ، އޮސްޓްރޭލިޔާ، މެލޭޝިޔާ، އިންޑިއާ، އަދި ސްރީލަންކާ އިން ވެސް ވަނީ އާ ވޭރިއަންޓް ފެނިގެން ރިޕޯޓްކޮށްފައެވެ.