ކުރިއަށް އޮތް 2023 ވަނަ އަހަރު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރާއްޖޭގެ ވެރިކަމާ ހަވާލުވާން ޖެހޭ ކަމަށް ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަރުހަބާ ދެންނެވުމަށް މިރޭ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާގައި ޑރ. ވަހީދު ވިދާޅުވީ، މިއަދު ފެންނަނީ ސަރުކާރުން ހާކާލަ ހާކާލައި ތިބޭ މަންޒަރު ކަމަށާއި. އެއަށް ފަހު ފަހަތު ފަޔަށް ބުރަވެ ސަރުކާރުން ކަންނެތްކަމާއެކު ދެމިލައިގެން ތިބޭ މަންޒަރު ކަމަށެވެ.

އެގޮތުން ވެރިކަމާ ހަވާލުވުމަށް ފަހު، ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ބޮޑެތި ކަންތައްތައް ކުރެވުނު މަންޒަރު ފެނުނު ނަމަވެސް، މި ސަރުކާރަށް ބަލާލާއިރު ހުރިހާ ދިމާލަކުންވެސް ފެންނަނީ ފަރުވާކުޑަކަން ކަމާއި އިހުމާލު ކަމަށް ވިދާޅުވެ، ޑރ. ވަހީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ވެރިކަމާ ހަވާލުވާން ވާނީ ކުރިއަށް އޮތް އަހަރުތަކަށް ތަސައްވުރެއް އޮވެގެން ކަމަށާއި، ނަމަވެސް މިއަދުގެ ސަރުކާރުގައި އެއްވެސް ތަސައްވުރެއް ނެތް އިރު، މީގެ 20 އަހަރު ފަހުން ގައުމު އޮންނާނެ ގޮތުގެ ތަސައްވުރެއް މިއަދުގެ ސަރުކާރަށް ބުނެދެވިފައި ނެތްކަމަށްވެސް ޑރ. ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން، އެއްވެސް ހިޔާލެއް ވިސްނުމެއް މިއަދުގެ ސަރުކާރުން ނުފެންނަ ކަމަށާއި، އޮތީ ހައްތަހާވެސް ސުވާލު ކަމަށެވެ. އެގޮތުން މަސްވެރިކަން ކުރިއަރުވަން ކުރަމުން އައި މަސައްކަތްތައް ހުއްޓުނީތޯ، ނުވަތަ ޓޫރިޒަމްގައި 40 ޕަސެންޓު ދިވެހިންނަށް ވަޒީފާ ލިބުމުން ފުދުނީތޯ ވަހީދު ވަނީ ސުވާލު އުފައްދަވާފައެވެ. އަދި މި ސުވާލުތަކަށް ޖަވާބުދޭނެ ފަރާތްތައް ކޯލިޝަނުގައި އެބަތިބި ކަމަށްވެސް ވިދާޅުވިއެވެ.

ހަމަ އެއާއެކު ރާއްޖޭގެ އިގްތިސޯދު މީގެ ކުރިން ދަށަށް ނުދާ މިންވަރަކަށް ދަށްވެއްޖެ ކަމަށް ވިދާޅުވެ، ޑރ. ވަހީދު ވިދާޅުވީ ކޮވިޑުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުން ލިބިގެން ދިޔައިރުވެސް ސަރުކާރުން ރައްޔިތުންނަށް އެހީތެރިވާ މަންޒަރު ނުފެންނަ ކަމަށެވެ.

"އެތަކެއް ސަތޭކަ މީހުން ވަނީ ވަޒީފާ ގެއްލި، ބައެއް މީހުން ވަނީ ގެދޮރު ދޫކޮށް އަތޮޅުތެރެއަށް ހިޖުރަކޮށްފަ، އާމްދަނީ ލިބެން ހުރި ދޮރުތައް ބަންދުވެ، ގިނަ އާއިލާތަކަކަށް ވަނީ ނިކަމެތިކަން ކުރިމަތިވެފަ،"
ޑރ. ވަހީދު

އަދި ދައުލަތުގެ މާލިއްޔަތު ބަނގުރޫޓުވެފައިވާ ކަމަށް ވިދާޅުވެ، ވަހީދު ވިދާޅުވީ ދައުލަތުގެ ދަރަނި އިތުރުވެފައިވަނީ ޒިންމާދާރުކަން ކުޑަ މާލީ ސިޔާސަތުގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑު ހިތަށް އަރާ މާލިއްޔަތުގެ ކަންކަމާ ހަވާލުވެތިއްބެވި ބޭފުޅުންނަށް ހަމަ އެނގިވަޑައި ނުގަންނަވަނީހޭ ދައުލަތުގެ ދަރަންޏަކީ ރައްޔިތުންގެ ދަރަނިކަން،" ޑރ. ވަހީދު ވިދާލުވިއެވެ.

ވަހީދު ވިދާޅުވީ މި ފުންވަޅުގަނޑުން އަރައިގަނެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށާއި، ހުރިހާ ސިޔާސީ ފަރާތްތަކުންވެސް ޒާތީ ކަންކަން އެއްފަރާތްކޮށް އެންމެން އެއްގަލަކަށް އަރައިގެން ކަމަށެވެ.