ޔޫންޑަބްލިއުޓީއޯ (އދ. ގެ ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން) އިން ސްޕެއިންގެ ވެރިރަށް މެޑްރިޑްގައި މިދިޔަ މަހުގެ 30 އިން މިއަދުގެ ނިޔަލަށް ބޭއްވި 24 ވަނަ އާންމު ޖަލްސާގައި ރާއްޖޭން ބައިވެރިވެއްޖެއެވެ.

ރާއްޖޭގެ ފަރާތުން މި ޖަލްސާގައި ބައިވެރިވެވަޑައިގަތީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. ޑރ. މައުސޫމްގެ އިތުރުން މި ޖަލްސާގައި މެމްބަރު އެހެނިހެން ގައުމުތަކުގެ މިނިސްޓަރުންވެސް ބައިވެރިވެވަޑައިގަތެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ދުނިޔޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް މެމްބަރު ގައުމުތަކުގެ މެދުގައި މި ޖަލްސާގައި މަޝްވަރާކުރެވިގެން ދިޔަ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ކޮވިޑް-19 ގެ ތަފާތު ވޭރިއަންޓުތައް ފެނުން އެކަށީގެންވާތީ ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމުގެ ބަދަލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފަތުރުވެރިކަން ކުރިއަށް ގެންދިއުމުގެ މުހިންމުކަން ގިނަ މެމްބަރު ގައުމުތަކުން ފާހަގަކުރި ކަމަށެވެ.

މި ޖަލްސާގެ ޕްލިނަރީ ސެޝަންގައި ޔޫއެންޑަބްލިއުޓީއޯގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް ޒުރާބް ޕޮލަލިކަޝްވިލީ އިތުރު ދައުރަކަށް އިންތިހާބުކޮށްފައިވާއިރު، މިދިޔަ މޭމަހުގެ 26 ގައި ސައުދީގެ ވެރިރަށް ރިޔާދުގައި ހުޅުވި ޔޫއެންޑަބްލިއުޓީއޯގެ އޮފީހަކީ މެދު އިރުމަތީގެ ޔޫއެންޑަބްލިއުޓީއޯގެ އޮފީހުގެ ގޮތުގައި ނިންމުމަށް ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން މި ޖަލްސާގެ ތީމެޓިކް ސެޝަންގައި "ކޮމިއުނިޓީ ބޭސްޑް ރޫރަލް ޓޫރިޒަމް" އާ ގުޅޭ ޕެނަލް ބައްދަލުވުމެއް ބޭއްވިއިރު، މީގެ ތެރެއިން ބޭއްވުނު ސެޝަނެއް ކަމަށްވާ "ޔޫތު މީޓްސް މިނިސްޓާސް ޑިބޭޓް" ގައި މިނިސްޓަރު ޑރ. މައުސޫމާއި ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން އެހެން މިނިސްޓަރުންވެސް ބައިވެރިވެވަޑައިގެން، ކޮމިއުނިޓީ ބޭސްޑް ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ދަތިތަކާއި ޒުވާނުންނަށް ފަތުރުވެރިކަމުގެ ރޮނގުން ކުރިއަށް ދިއުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވާހަކަ ދެކެވުނެވެ.

ޔޫއެންޑަބްލިއުޓީއޯގެ 25 ވަނަ އާންމު ޖަލްސާ އޮންނާނީ 2023 ވަނަ އަހަރު އުޒްބަކިސްތާނުގައެވެ.