އަލަށް ފެނިފައިވާ ކޮވިޑް-19ގެ ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން ވޭރިއަންޓް އިންޑިއާ، ލަންކާ އަދި މެލޭޝިއާއިން ވެސް ފެނިއްޖެއެވެ.
މެލޭޝިއާ އިން އޮމިކްރޯންގެ ފުރަތަމަ ކޭސް ފެނިފައިވާކަން ހެލްތު މިނިސްޓަރު ހައިރީ ޖަމާލުއްދީން އިއުލާން ކުރައްވާފައި ވާއިރު އެގައުމުން އޮމިކްރޯނަށް ޕޮޒިޓިވް ވެފައި ވަނީ ސިންގަޕޫރުން މިދިޔަ މަހު 19 ވަނަ ދުވަހު އައި ދަރިވަރެކެވެ. އެމީހާއަކީ ސައުތު އެފްރިކާ އިން އެ ގައުމަށް ދަތުރުކުރި މީހެެކެވެ.
މެލޭޝިއާގެ ހެލްތު މިނިސްޓަރު ވިދާޅުވީ ޕޮޒިޓިވްވި ދަރިވަރު މެލޭޝިއާ އަށް އެތެރެވެފައި ވަނީ ޑަބްލިއުއެޗްއޯއިން އޮމިކްރޯން ވޭރިއަންޓް އިއުލާން ކުރުމުގެ ކުރިން ކަމަށެވެ.
އިންޑިއާއިން ވެސް އޮމިކްރޯންއަށް ޕޮޒިޓިވް ކޭސް ފެނިފައި ވަނީ ކަރްނާޓަކާ ސްޓޭޓުންނެވެ. މިގޮތުން އިންޑިއާއަށް ބޭރު ގައުމަކުން ދިޔަ ދެ މީހަކު ޕޮޒިޓިވް ވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 66 އަހަރާއި 46 އަހަރުގެ ދެ ފިރިހެނުންނެވެ.
ޕޮޒިޓިވްވި 66 އަހަރުގެ މީހަކީ ސައުތު އެފްރިކާގެ މީހެކެވެ. އެމީހާ ވަނީ ޖެނޯމް ސީކުއެންސިން ނަތީޖާ ލިބުމުގެ ކުރިން އިންޑިއާ އިން ފުރާފައެވެ. ޕޮޒިޓިވްވި 46 އަހަރުގެ މީހާ އަކީ ބެންގަލޫރުގައި މަސައްކަތްކުރާ ޑޮކްޓަރެކެވެ. އެ ދެ މީހުން ވެސް މިހާރު ތިބީ އޮބްޒަވޭޝަނުގައެވެ. އަދި ދެ މީހުންގެ ކޮންޓެކްޓުވި މީހުންގެ ޓެސްޓު މިހާރު ވަނީ ކޮށްފައެވެ.
ލަންކާއިން އޮމިކްރޯންއަށް ޕޮޒިޓިވް ވެފައި ވަނީ ނައިޖީރިއާ އިން އެގައުމަށް ދަތުރުކުރި ސްރީލަންކާ ރައްޔިތެކެވެ. އޭނާ ސްރީލަންކާ އަށް ގޮސްފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.
ދެކުނު އެފްރިކާއިން ފުރަތަމަ ފެނުނު މި ވޭރިއަންޓް މިހާރު އެހެން ގައުމުތަކުން ވެސް ފެންނަމުންދާ އިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވަނީ އޮމިކްރޯން ދުނިޔޭގެ ގިނަ ހިސާބުތަކަށް ފެތުރޭނެ ކަމުގެ އިންޒާރު ދީ، އެކަމުން ރައްކާތެރިވުމަށް ސަމާލުވުމަށް އަންގާފައެވެ.
އަދި މި ވޭރިއަންޓްގެ ސަބަބުން ގައުމުތަކުގެ ސިއްހީ ނިޒާމްތައް އަނެއްކާ ވެސް އިނދަޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.