ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑް-19ގެ އާ ވޭރިއަންޓް އޮމިކްރޯނާ ދެކޮޅަށް ވެކްސިނެއް އުފައްދަމުން އަންނަ ކަމަށް ކިއުބާއިން ބުނެފިއެވެ.

މިކަމާ ގުޅިގެން އެގައުމުގައި ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ބަޔޯކިއުބާފާމާގެ ރައީސް ޑޮކްޓަރު އެޑުއާޑޯ މާޓިނެޒް ވިދާޅުވީ މި ވޭރިއަންޓް ވަރަށް ގާތުން ބަލއި ދިރާސާކުރެވިފައިވާ ކަމަށެވެ. އަދި މި ވޭރިއަންޓުން ރައްކާތެރިވުމަށް އެކިއެކިވެކްސިން ފަރުމާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. އެޑުއާޑޯ ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި ވޭރިއަންޓުން ރައްކާތެރި ކޮށްދޭން ވެކްސިނެއް އުފެއްދޭނެ ކަމަށް ބެލެވޭ ކަމަށެވެ. ކިއުބާގެ ސައިންސްވެރިން ވޭރިއަންޓާ ދެކޮޅަށް ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނައިރު ކޮވިޑާ ދެކޮޅަށް ވެކްސިން އުފައްދާ ކުންފުނިތައް ކަމަށްވާ ބަޔޯއެންޓެކް، ފައިޒާ ގެ އިތުރުން ޖޯންސަން އެންޑް ޖޯންސަން އަދި މޮޑާނާއިން އަންނަނީ އެ ކުންފުނިތަކުން ކޮވިޑާ ދެކޮޅަށް މިހާރު އުފައްދާފައިވާ ވެކްސިންތަކުން އޮމިކްރޯންއަށް ކުރާ އަސަރު ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

ދެކުނު އެފްރިކާއިން ފުރަތަމަ ފެނުނު މި ވޭރިއަންޓް މިހާރު އެހެން ގައުމުތަކުން ވެސް ފެންނަމުންދާ އިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވަނީ އޮމިކްރޯން ދުނިޔޭގެ ގިނަ ހިސާބުތަކަށް ފެތުރޭނެ ކަމުގެ އިންޒާރު ދީ، އެކަމުން ރައްކާތެރިވުމަށް ސަމާލުވުމަށް އަންގާފައެވެ.

އަދި މި ވޭރިއަންޓްގެ ސަބަބުން ގައުމުތަކުގެ ސިއްހީ ނިޒާމްތައް އަނެއްކާ ވެސް އިނދަޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.