ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒާއި ޅ. ނައިފަރު ކައުންސިލާ ގުޅިގެން ނައިފަރުގައި ޖަމާއަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގަރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ގުރްއާނާބެހޭ މަރުކަޒުން ބުނީ ނައިފަރަކީ ތަމްރީން ލިބިފައިވާ ޖަމާއަތްތެރިން ނެތް ރަށަކަށް ވުމުން އެރަށުގައި ކަށުކަމާކެމީގެ މަސައްކަތުގައި ހަރަކާތްތެރި ވާނެ ތަމްރީން ލިބިފައިވާ ބަޔަކު އުފެއްދުމަށް ކައުންސިލުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

މިގޮތުން އެ މަރުކަޒުން ނައިފަރުގައި ޖަމާއަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައި ދެފަރާތުން ގުޅިގެން މި ޕްރޮގަރާމް މަސައްކަތްތައް އޮކްޓޫބަރު 31 2021 ގައި ފަށާފައިވާ ކަމަށާއި އަދި މިދިޔަ މަހު 17ގައި ޕްރޮގަރާމް ނިމުނު އިރު 45 ދަރިވަރަކު ޕްރޮގަރާމް ފުރިހަމަކޮށްފައިވާ ކަމަށް ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުން ބުނެއެވެ.

ނައިފަރުގައި ޖަމާއަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގަރާމުގެ ތެރެއިން / ފޮޓޯ: ގުރުއާނާ ބެހޭ މަރުކަޒު

ދެ ޖިންސަށް އަމާޒުކޮށްގެން ހިންގި މިކޯހުގެ ބައިވެރިންގެ ތެރޭގައި ގިނައީ އަންހެން ބައިވެރިން ކަމަށް ގުރްއާނާބެހޭ ގައުމީ މަރުކަޒުން ބުނެއެވެ.

ގުރްއާނާބެހޭ ގައުމީ މަރުކަޒުން ބުނީ މި ކޯހުގައި ކިޔަވައިދެއްވީ ނައިފަރުގެ އިސް މެޖިސްޓްރޭޓް މުހްއްމަދު މޫސާ ކަމަށާއި ޕްރެކްޓިކަލް ސެޝަންތައް ބޭއްވީ އެ ރަށު ހިނަވާ ގޭގައި ކަމަށެވެ.

މި ޕްރޮގްރާމްގެ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވާފައި ވާއިރު މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި މިނިސްޓާ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް ޝެއިހު އިލްޔާސް ޖަމާލްއެވެ.

އިލްޔާސްގެ ވާހަކަގައި ނައިފަރު ކައުންސިލުން އިސްނަގައިގެން އެފަދަ ޕްރޮގްރާމެއް ހިންގުމުން އުފާ ކުރައްވާ ކަމަށާއި، އެހެން ކައުންސިލްތަކުން ނަމޫނާ ނަގަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އަދި އެ ރަށުގައި ހުއްޓިފައިވާ ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުގެ ގޮފީގެ ހިދުމަތް އަލުން ފެށި އެތަނުގެ ފަރާތުން ކޯސްތައް ހިންގުމަށް ބާރު އަޅުއްވާނޭ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ގުރްއާނުގެ އަހްލާގާއި އަދަބާ ގުޅޭ ކެމްޕޭންގެ ދަށުން ހާއްސަ ޕްރޮގްރާމް ތަކެއް އެ ރަށު ކައުންސިލާ ގުޅިގެން ފެއްޓެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.

މިއީ މިހާތަނަށް އެއް ރަށެއްގައި އެންމެ ގިނަ ޖަމާއަތްތެރިން އުފެއްދުނު ފުރަތަމަ ފަހަރު ކަމަށް ގުރްއާނާބެހޭ ގައުމީ މަރުކަޒުން ބުނެއެވެ.