ހުރިހާ ނުފޫޒުތަކަކުން އެއްކިބާވެ އަދުލުގެ ނިޒާމުގެ ކަށަވަރުކަން އޮވެގެން ނޫނީ ރާއްޖެއަށް ދިރުމެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ "ޝުކުރިއްޔާ ރައްޔިތުން" ގެ ނަމުގައި ޕީޕީއެމްގެ ރަސްމީ އޮފީހުގައި ރޭ އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނޮވެމްބަރު 29، 2019 ގައި ކްރިމިނަލް ކޯޓުން ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމަކާއެކު ފަސް މިލިއަން ޑޮލަރު ދައްކަން ހުކުމް ކޮށްފައި ވަނިކޮށް މިދިޔަ އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ޔާމީން މިނިވަން ކޮށްފައެވެ.

ރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ ޝަރުއީ ދާއިރާއަށް ނުފޫޒު އަދިވެސް އޮތް ކަމަށް ވިދާޅުވެ ވަރަށް ބޮަޑަށް ފާޑު ވިދާޅުވެފައެވެ. މިގޮތުން އަދުލުގެ ނިޒާމު އޮތް ގޮތުން ހަމަޖެހިގެން ގައުމަށް ކުރިއަށް ދެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި އަދުލުގެ ނިޒާމުގެ ކަށަވަރުކަން އޮވެގެން ނޫނީ ރާއްޖެއަށް ދިރުމެއް ނެތް ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު ޝަރުއީ ދާއިރާ އަދިވެސް އޮތީ ކޮރުކޮށް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އަދުލުގެ ނިޒާމު އެންމެ ކޮރީ. ކެރިގެން ވާހަކަ ދައްކަންވީ. މިކަމުގެ ވާހަކަ ދައްކައިގެން އަނެއްކާވެސް [ޖަލަށް] ގެންދޭ. އެކަމަކު އަޅުގަނޑުމެންނަކަށް ހަމަޖެހިގެނެއް ކަންކަމެއް ކުރިއަކަށް ނުގެންދެވޭނެ އަދުލުގެ ނިޒާމަކީ ހުރިހާ ފަރާތަކުން، ހުރިހާ ނުފޫޒުތަކުން އެއްކިބާވެފައި އޮތް އަދުލުގެ ނިޒާމެއް ކަމަށް ރައްޔިތުން ގަބޫލުކުރާ މިންވަރަށް ކަށަވަރުކަން ލިބިގެން ނޫނީ ދިވެހިރާއްޖެއަށް ދިރުމެއް ނެތް، ދިވެހިރާއްޖެއަށް ކުރިއެރުމެއް ނެތް
ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އަދުލުގެ ނިޒާމް ރަނގަޅުވިކަމަށް ބުނާ ކަމަށް ވާނަމަ ލީކް ކޮށްފައިވާ އޯޑިއޯތަކާ ގުޅޭ ގޮތުން ތަންފީޒީ އިދާރާއަކުން އެއްޗެއް ބުނަން ޖެހޭ ކަމަށެވެ. އަދި އެމައްސަލަ ލަސްވި ލަސްވުމަކީ އެކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އެހެން ވިދާޅުވީ ޑިސެމްބަރު 30، 2021 ގައި އޮތް އާސްކް ސްޕީކާ ޕްރޮގްރާމްގައި އަދުލުގެ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވައެވެ. އެ ޕްރޮގްރާމުގައި ނަޝީދު ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅަކު ކޯޓަކުން އެގޮތަށް (ރައީސް ޔާމީން މިނިވަންވެވަޑައިގަތް ގޮތަށް) މިނިވަން ވެފައި ނެތް ކަމަށެވެ. އަދި ޔާމީން މިނިވަންވެވަޑައިގަތުމުން ޝަރުއީ ދާއިރާ މިނިވަން ވާ ކަމާއި އިތުބާރު އުފެދިގެން އަންނަ ކަމަށް ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް މިދިޔަ އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ބާތިލްކޮށްފައި ވާއިރު ޕީޖީން ވަނީ މީގެ ދުވަސްކޮޅެއް ކުރިން މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާއެއް ޔާމީނުގެ މައްޗަށް އުފުލައި، ދައުވާ ކޮށްފައެވެ. އެ ދެ ދައުވާ އަކީ ރ. ފުއްގިރި އާއި ވ. އާރަށުގެ މައްސަލައެވެ.

ރ. ފުއްގިރި މައްސަލައިގައި ޔާމީނުގެ މައްޗަށް އުފުލާފައި ވަނީ އެ ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރެއްވުމުގެ ދައުވާއެވެ. އަދި ވ. އާރަށުގެ މައްސަލައިގައި އުފުލާފައި ވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރު ނަގައި ލޯންޑާ ކޮށްފައިވާ ކަމުގެ ދައުވާއެވެ.