ސައުދީ އަރަބިއްޔާގެ ކުންފުންޏަކުން ހަދިޔާކުރާ 20 ފޫޓު ކޮންޓައިނަރެއްގެ ދީނީ ފޮތް، ފެށޭ ހަފްތާގައި ގެންނަ ކަމަށް ގުރުއާނާ ބެހޭ މަރުކަޒުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ގުރުއާނާ ބެހޭ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިހް އިލްޔާސް ޖަމާލް ވިދާޅުވީ، ސައުދީން ގެންނަ ކޮންޓޭނަރުގައި ހަތިމާއި ދީނީ ފޮތްތަކާއި ލިޔުންތައް ހުންނާނެ ކަމަށެވެ.

އިތުރަށް ތަފްސީލު ދެއްވަމުން އިލްޔާސް ވިދާޅުވީ 20 ފޫޓުގެ އެ ކޮންޓައިނާ މާލެ ވަންނާނެ ކަމަށް އޮތް ތާރީހަކީ މިމަހުގެ 12 ކަމަށާއި އޭގެ ތެރޭގައި ގުރުއާނާއި ގުރުއާނުގެ އެކިއެކި ޖުޒޫތަކާއި ގުރުއާން ތަފްސީރުތައް އަދި ގުރުއާނުގެ ބައިތައް ވަކި ވަކިންވެސް ހިމެނޭ ކަމަށެވެ.

އަޅުގަނޑުމެން ގުރުއާނާ ބެހޭ މަރުކަޒު ދާން ބޭނުންވަނީ ހައިވޭއެއްގަ، އެ ހައިވޭގަ އެއްވެސް ކަހަލަ ސްޕީޑް ބްރޭކަރުތަކެއް ނެތް، ދުވެލި މަތަނުކުރާ ހައިވޭއެއްގަ، އެހެން ދެވިއްޖެ ކަމަށް ވާނަމަ އަޅުގަނޑުމެން މަގުސަދުތައް ހާސިލް ކުރާނަން،
އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ޝެއިހް އިލްޔާސް ޖަމާލް

އިލްޔާސް ވިދާޅުވީ، މިހާރު އަމިއްލަ ގޮތުންވެސް އިސްލާމީ ގައުމުތަކުގެ އެކިއެކި ފަރާތްތަކާ ވާހަކަ ދެއްކެވޭ ކަމަށާއި އެފަރާތްތަކުގެ އެހީ ހިފެހެއްޓުމެއް ނެތި ލިބިގެން ދާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. ނަމަވެެސް ހުރަހަކަށް ވަނީ ވީއްލިފައި އޮންނަ ވީއްލުން ނެތުން ކަމަށް ޝެއިހް އިލްޔާސް ފާހަގަ ކުރެއްވިއެވެ. އޭނާ އެ އިޝާރާތް ކުރެއްވީ، ގުރުއާނާ ބެހޭ މަރުކަޒު އިސްލާމިކް މިނިސްޓްރީގެ ދަށުގައި އޮންނަ އޮތުމުން ދިމާވާ އުނދަގޫތަކަށެވެ. ނަމަވެސް އޭގެ ތަފްސީލުތަކެއް އޭނާ ހާމައެއް ނުކުރައްވައެވެ.

20 ފޫޓުގެ ކޮންޓެއިނާއެއް ފުރާ، 500 ކާޓަން އޭގަ ހިމެނޭ، ހިލޭ، އެއްވެސް ލޯލާރިއެއް ނުލާ، މަސައްކަތް ކޮށްފިކަމުގައި ވާނަމަ އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނޭ، އެކަމަކު މިއީ ހުރަސްތަކެއް، ސްޕީޑް ބްރޭކަރުތަކެއް އެބަހުރި، އޭގެ ތަފްސީލައް ދާން ނެތިން،
އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ޝެއިހް އިލްޔާސް ޖަމާލް

އިލްޔާސް ފާހަގަ ކުރެއްވި ގޮތުގައި އެ 20 ފޫޓު ކޮންޓެއިނާގެ އެހީއިން ގުރުއާން މުބާރަތްތަކުގެ އިނާމު ދިނުމާއި އެކިއެކި މުނާސަބަތާ ގުޅިގެން ކުދިންނަށް ނުވަތަ ދަރިވަރުންނަށް ގުރުއާން ހަދިޔާކުރުން ފަދަ ކަންކަން ކުރެވޭނެއެވެ.

ގުރުއާނާ ބެހޭ މަރުކަޒުން ސައުދީގެ އިތުރުން އަރަބި އެހެން ގައުމުތަކުން އެހީ ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.