ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން އިއްޔެ ބާތިލުކުރުމާއެކު މިނިވަންވެވަޑައިގަތުމުން، އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ ހަރަކާތްތައް އިތުރު ހަރުފަތަކަށް ދާނެ ކަމަށް އެ ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ހީނާ ވިދާޅުވީ ރައީސް ޔާމީން މިނިވަން ވުމާއެކު އެ ކޯލިޝަންގެ ހަރަކާތްތައް ދެ ގުނައަށް އިތުރުވާނެ ކަމަށާއި އޭގެ ތެރޭގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރު ހަރުފަތަކަށް ދާނެ ކަމަށެވެ. އިންޑިއާ ސިފައިން ރާއްކެއިން ބޭރު ކުރުމަށް އިދިކޮޅުން ފުޅާ ކެމްޕޭނެއް ހިންގާ އިރު، "އިންޑިއާ އައުޓް" ގެ އޯނާޝިޕް އިދިކޮޅުން ރަސްމީކޮށް ނަގާފައެއް ނުވެއެވެ. ނަމަވެސް އިންޑިއާ އައުޓް ކެމްޕޭނުގައި އިދިކޮޅުން ގެންދަނީ ބައިވެރިވަމުންނެވެ.

ހީނާ ވިދާޅުވީ، ޕާޓީގެ ހަރަކާތްތައް އިތުރަށް ފުޅާ ކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށް ފުޅާ ދާއިރާގައި ސިޔާސީ ހަރާކާތްތައް ކުރިއަށް ގެންދިއުމަށް ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ހީނާ ވިދާޅުވީ ރައީސް ޔާމީން މިނިވަންވުމާ ގުޅިގެން މިއަންނަ ހުކުރު ދުވަހުގެ ރޭ ޖަލްސާއެއް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މިއަދުގެ އެކަމުގެ ތަފްސީލް ހިއްސާކުރައްވާނެ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރާ 2 މައްސަލައެއް ކްރިމިނަލް ކޯޓުގައި އޮތުމާއެކު ޔާމީން ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރެއް ނެރެފައެވެ. އެކަމާ ގުޅިގެން ހީނާ ވިދާޅުވީ ޖަލުގައި ހުންނެވިއިރުވެސް ސަރުކާރުންގެ ފަރާތުން ޔާމީން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ވަރަށް ބޮޑަށް ބާރު އެޅި ކަމަށާއި އެހެންނަވެސް ޔާމީނަކީ ދުވަހަކުވެސް ފިއްލަވައިގެން ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން މިހާރުވެސް އަދި ކުރިއަށް އޮތްތާވެސް ހުންނަވާނީ ރައްޔިތުންނާއެކުގައި ކަމަށް ހީނާ ވިދާޅުވިއެވެ.

ރައީސް ޔާމީން މިނިވަންވުމާ ގުޅިގެން އަތޮޅު ތެރޭގައި އެމަނިކުފާނުގެ ސަޕޯޓަރުން ގެންދަނީ ކުލަގަދަކޮށް އެ އުފާ ފާޅުކުރަމުންނެވެ.