މަނީ ލޯންޑަރިންގެ މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން އިއްޔެ ބާތިލުކުރުމާއެކު މިނިވަންވެވަޑައިގެންފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް ސެކިއުރިޓީ ދޭން އަލުން ފަށައިފިއެވެ.
އިދިކޮޅު ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު "ދަ ޕްރެސް" އަށް ވިދާޅުވީ، ރެއިން ފެށިގެން ޔާމީނަށް ސެކިއުރިޓީގެ ހިދުމަތް ސިފައިން ފޯރުކޮށްދެމުންދާ ކަމަށެވެ.
އިއްޔެ ޔާމީން މިނިވަން ވުމާއެކު، ގާނޫނުން ލިބެންޖެހޭ ރައްކާތެރިކަން އެމަނިކުފާނަށް ލިބެން ޖެހޭއިރު، އެމަނިކުފާނު ގެއަށް ވަޑައިގެންނެވި އިރު ސެކިއުރިޓީ ދީފައި ނުވާތީވެ އިދިކޮޅުން އެކަމާ މެދު ކަންބޮޑުވުން ފާޅުކުރިއެވެ.
ރައީސްކަން ކޮށްފައިވާ މީހުންނަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނުގައިވާ ގޮތުން، ކުރީގެ ރައީސުންގެ ސެކިއުރިޓީ ބަލަހައްޓަނީ އެމްއެންޑީއެފުންނެވެ.
ކުރީގެ ރައީސުންގެ ގާނޫނުގައިވާ ގޮތުން، ރައީސްކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު ޖިނާއީ ކުށެއް ކުރިކަން ސާބިތުވެއްޖެ ނަމަ، އެވަގުތުން ފެށިގެން އޭނާއާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ލިބިދޭ ރައްކާތެރިކަމާއި އިނާޔަތްތައް މެދުކެނޑޭނެއެވެ. އެހެންކަމުން ޔާމީން ޖަލަށް ވަޑައިގަންނަވަންދެން އެމަނިކުފާނަށް ދައުލަތުން ރައްކާތެރިކަމާއި އިނާޔަތްތައް ދީފައިވެއެވެ.
ހަމަ އެހެންމެ، ޔާމީން ގެންދެވީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ކަމަށްވާތީ، އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ފާސްކުރި ބަޖެޓުގައި އެމަނިކުފާނަށް އިނާޔަތްތައް ދޭން ހިމަނާފައެއް ނުވެއެވެ.
ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިއްޔެ ސުޕްރީމް ކޯޓުން ބާތިލްކޮށްފައި ވުމުން، އެމަނިކުފާނުގެ މައްޗަށް އެއްވެސް ޖިނާއީ ކުށެއް ސާބިތުވެފައެއް ނުވެއެވެ. ނަމަވެސް ޕީޖީން ވަނީ މީގެ ދުވަސްކޮޅެއް ކުރިން މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާއެއް ޔާމީނުގެ މައްޗަށް އުފުލައި، ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ.
ރައީސް ޔާމީނަށް ސެކިއުރިޓީ ދޭން ފެށިނަމަވެސް އިނާޔަތްތައް އަދި ނުދެއެވެ.