އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ކޮށްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާ ކުރެއްވި ނިމާލް އެ ކޮމިޝަނަށް ހާޒިރުކޮށްފައި ވަނީ މިއަދު ހެނދުނު 11 ޖެހި އިރު ކަމަށް ޕީޕީއެމްއާއި ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ "ދަ ޕްރެސް" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުވެސް ނިމާލް ވަނީ އޭސީސީއަށް ހާޒިރު ކޮށްފައެވެ.

ނިމާލް މީގެ ކުރިން ވިދާޅުވީ އޭނާ ހާޒިރު ކުރަނީ ޔުޓިލިޓީ ކުންފުނިތަކުން ފެނަކަ ކޯޕަރޭޝަނަށް ބަދަލު ކުރުމުގެ މަސައްކަތްތައް ކުރިއަށް ދިޔައިރު، މީގެ 8 އަހަރު ކުރިން ހިނގާފައިވާ މައްސަލައެއްގައި ކަމަށް ލަފާކުރެއްވޭ ކަމަށެވެ. ނަމަވެސް ނިމާލަށް އޭސީސީން ފޮނުވި އެންގުމުގައި ވަނީ ބ. އޭދަފުށީ އިންޖީނުގެއަށް އެއްވެސް އިއުލާނެއް ނުކޮށް ކޮރަޕްޝަންގެ ތެރެއިން މުވައްޒަފުން އިތުރު ކުރި މައްސަލައެއް ކަމަށެވެ.