ސީލައިފަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ "ވިނަރެސް" ހައުސިން މަޝްރޫއުގެ ދަށުން އެޕާޓްމަންޓް ގަންނަން ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީ ނުކުރެވުނު ފަރާތްތަކަށް އަލުން އެ ފުރުސަތު ހުޅުވާލައިފިއެވެ.

ސީލައިފާ އެކު އެޗްޑީސީން ވަނީ 3000 ހައުސިންގް ޔުނިޓް އެޅުމަށް 2014 ވަނަ އެއްބަސް ވެފައެވެެ. ނަމަވެސް ސީލައިފުން ވަނީ އެއްބަސްވުމާ ހިލާފަށް އެތައް ބައެއްގެ އަތުން ބުކިން ފީގެ އިތުރުން ޑައުންޕޭމަންޓުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ މަކަރާއި ހީލަތުން ނަގާފައެވެ. އަދި މި މައްސަލައިގައި ފައިސާ ދައްކާފައިވާ ބައެއް ފަރާތްތަކަށް އެޗްޑީސީން ވަނީ އެ ފައިސާ ރީފަންޑް ކޮށްދީފައެވެ.

މީގެ ކުރިން ވިނަރެސް މަޝްރޫއަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލާފައިވަނީ މިދިޔަ އޮކްޓޯބަރުގެ 19 އިން ފެށިގެން އެމަހުގެ 28 ގެ ނިޔަލަށެވެ. ނަމަވެސް އެ މުއްދަތުގައި ބައެއް ފަރާތްތަކަށް ރަޖިސްޓްރީނުކުރެވުމުގެ ޝަކުވާ ލިބެމުންދާތީވެ އަލުން އެ ފުރުސަތު ހުޅުވާލީ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ، ސީލައިފަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކާ މެދު ހަދާފައިވާ "ސެޓްލްމަންޓް އެގްރީމެންޓް"ގެ 4.3 ވަނަ މާއްދާގެ ދަށުން، ސީލައިފަށް ފައިސާ ދެއްކި ފަރާތްތަކުގެ ތެރެއިން އެ ކޯޕަރޭޝަނަށް ލިއުން ހުށަހަޅައި އެ ފައިސާ ރީފަންޑުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ވިނަރެސް އަށް ރަޖިސްޓްރީނުކުރެވުނު ފަރާތްތަކަށް އެ ކޯޕަރޭޝަނުން އަލުން އެ ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން ވިނަރެސްއިން އެޕާޓްމަންޓް ގަތުމަށް ޝައުގުވެރިވާނަމަ، މި މަހުގެ ހަވަނަ ދުވަހުގެ ހަވީރު 3:30 ގެ ކުރިން ރަޖިސްޓާ ވުމަށް އެޗްޑީސީން ބުނެއެވެ. އަދި އެ ކޯޕަރޭޝަނުން ފައިސާ ރީފަންޑުކޮށްދީފައިވާ ފަރާތްތަކުގެ އިތުރުން، ސީލައިފްގެ އެޕާޓްމަންޓްތައް ގަތުމަށް ފައިސާ ދައްކާފައިވާ އެހެނިހެން ފަރާތްތަކުން ފައިސާ ދެއްކިކަން ސާބިތުކޮށްދޭ ލިޔުން އީމެއިލް ކުރުމަށް ފަހު ވިނަރެސް އެޕާޓްމަންޓް ގަތުމަށް ރަޖިސްޓާކުރުމަށްވެސް އެޗްޑީސީން އެދިފައިވެއެވެ.

ވިނަރެސް އިން އެޕާޓްމަންޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް މި ލިންކަށް ވަދެގެން އެކަން ފުރިހަމަ ކުރެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. ހަމައެއާއެކު މި ކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެ ކޯޕަރޭޝަންގެ ނަންބަރ 3355368 / 3355195 އަދި ގެހޮޓްލައިން ނަންބަރު 7355594 އަށް ގުޅައިގެން ކުރިއަށް ދިއުމަށް އެޗްޑީސީން ބުނެއެވެ.

3000 ހައުސިން ޔުނިޓްގެ މަޝްރޫއުގެ އެއްބަސްވުމުގައި އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިން ސޮއިކޮށްފައި ވަނީ 2014 ވަނަ އަހަރުއެވެ. އަދި އެޗްޑީސީން ފުރަތަމަ އެއްބަސްވުން ބާތިލުކޮށްފައި ވަނީ ވެސް އެ ކުންފުނިން އެންމެ ފުރަތަމަ ފިޔަވަހީގައި އަޅަން އެއްބަސްވި 1000 ހައުސިން ޔުނިޓްގެ މަސައްކަތް، ސެޕްޓެމްބަރު 14، 2015 ގައި އެ ކުންފުނިން އެއްބަސްވުމާ އެއްގޮތައް އަމަލު ނުކުރުމުންނެވެ. ދެވަނަ ފުރުސަތެއް ދީ ސީލައިފާ އެކު އެއްބަސްވުން އެޗްޑީށީން އިއާދަކުރި ނަމަވެސް އަނެއްކާ ވެސް އެއްބަސްވުމާ ސީލައިފުން ހިލާފު ވުމުން ވަނީ އޮކްޓޯބަރު 25، 2018 ގައި ބާތިލު ކޮށްފައެވެ.