ކުރިއަށް އޮތް 2023 ވަނަ އަހަރު ރިޔާސީ އިންތިހާބެއް ނެތުމަކީ އެދުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އިސްނަގައިގެން ރޭ ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އިންތިހާބުގައި ނަަޝީދު ވާދަކުރައްވާ ކާމިޔާބު ކުރެއްވޭނެ ކަމަށް ގަބޫލުކުރަންތޯ ސުވާލު ކުރުމުން ނަޝީދު މުޅިންހެން ދެއްކެވީ ރައީސް ޔާމީންގެ މައްސަލައާ ގުޅިގެން އިއްޔެ ކޯޓުން ނިންމި ނިންމުމާ ގުޅޭ ވާހަކަ ތަކެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުން މިއަދު ފެންނަމުންދާ މަންޒަރުތައް ހިތަށް ގެނައުން ވަރަށް މުހިންމު ކަމަށެވެ. ވެރިކަން ކުރެއްވުމަށް ފަހު ވެރިން ދިރިއުޅުއްވަން ޖެހިވަޑައިގަންނަވަނީ ވަރަށް ހިތާމަވެރި ދިރިއުޅުމެއް ކަމަށާއި ބައެއް ރައްޔިތުންގެ ނަޒަރުގައި އެ ގޮތަށް ދިމާވަނީ ވެރިން އަމަލު ކުރައްވާ ގޮތުން ކަމަށެވެ. ނަމަވެސް ވެރިކަން ކުރައްވާ ކޮންމެ ބޭފުޅަކު ޖަލުގައި ނުވަތަ ރާއްޖެއިން ބޭރުގައި ހުންނަވަން ޖެހިވަޑައިގަތުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީއަށް 2023ގެ އިންތިހާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާއެއް އެބައޮތްތޯ ސުވާލުކުުރުމުންވެސް އެ ސުވާލަކަށް ސާފު ޖަވާބެއް ނުދެއްވިއެވެ. ވިދާޅުވީ އެމަނިކުފާނު އަބަދުވެސް އުންމީދު ކުރައްވަނީ ރާއްޖޭގައި ޑިމޮކްރަޓިކް ނިޒާމެއް ގާއިމު ކުރެވި ހައްގުތައް ކަށަވަރު ކުރެވި އިންސާފު ލިބޭނެ ގޮތެއް ވެގެން ދިއުން ކަމަށެވެ. އޭގެ ފަހަށް ދެން ވިދާޅުވީ އެދިވަޑައިގަންނަވަނީ ދެން ރިޔާސީ އިންތިހާބެއް ނެތުން ކަމަށެވެ.

ނަޝީދު ވިދާޅުވީ އެންމެ ބޭނުންފުޅުވެގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަކީ ރާއްޖޭގައި ޑިމޮކްރެޓިކް ނިޒާމެއް ގާއިމު ކުރެވި ދިވެހިންގެ އަސާސީ ހައްގުތައް ރައްކާތެރި ކުރެވި ދިވެހިންނަށް އިންސާފު ލިބޭނެ ގޮތްތަކުގެ ޝަރުއީ ނިޒާމެއް ފައްކާ ވެގެން ދިއުން ކަމަށެވެ. އަދި އާންމު ހާލަތު ރަނގަޅުވެ ރައްޔިތުންގެ ޖީބަށް ވަންނަ އެއްޗެއް އިތުރުވުމާއި ވަޒީފާ ނެތިފައި ތިބި މީހުން އަދާ ކުރާނެ ވަޒީފާ ލިބުން، ބޯހިޔާވަހިކަން ލިބުން، ދަރިންނަށް ކިޔަވައި ދެވޭނެ ގޮތެއް ވުން، ބޭސް ފަރުވާ ލިބޭނެ ގޮތެއް ވުން، އަދި އިޖުތިމާއީ ރައްކާތެރި ކަމެއް އޮތުން ކަމަށެވެ.

ނަޝީދު ވިދާޅުވީ އިސްވެ ދެންނެވުނު ކަންކަން ކުރުމަށް އެންމެ މުހިންމު ކަމަކީ ޑިމޮކްރަސީ ފައްކާ ކުރުން ކަމަށާއި އެހެން ކަމުން 2023 ވަނަ އަހަރު ރިޔާސީ އިންތިހާބެއް ނެތުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"2023 ވަނަ އަހަރު ރިޔާސީ އިންތިހާބެއް ނެތުމަށް އަޅުގަނޑު އެދެން"
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

2023 ގައި ރިޔާސީ އިންތިހާބެއް ނެތުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވާއިރު ގާނޫނުއަސާސީއަށް ބަދަލު ގެނެސް ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކޮށްލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެންނެވުމުގެ ގޮތުން ތައްޔާރުކުރާ "ބަރުލަމާނީ ޕެޓިޝަން" އަށް ލައްކައަކަށް ވުރެ ގިނަ މީހުންގެ ސޮއި ވަނީ ހޯދާފައެވެ.