ކޮވިޑްގެ އާވެރިއަންޓް އޮމިކްރޯންއިން ރައްކާތެރިވުމަށް ބައެއް ގައުމުތަކުން ދާ ދަތުރުވެރިންނާއި ދެކޮޅަށް ދުނިޔޭގެ ގިނަ ގައުމުތަކުން މިހާރު އަޅަމުންދާ ފިޔަވަޅުތައް މަޑު ޖައްސާލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ގޮވާލައިފިއެވެ.
އެޖަމާއަތުން ބުނީ ގައުމުތަކުން މިހާރު ބައެއް ގައުމުތަކުގެ ދަތުރުވެރިންނަށް ބޯޑަރުތައް ބަންދުކޮށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އޮމިކްރޯން ފެތުރުން ނުހުއްޓުވާނެ ކަމަށެވެ. އެހެން ނަމަވެސް، ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބަލާ ރިސްކު ހުރި މިންވަރު ވަޒަންކޮށް މިފަދަ ފިޔަވަޅުތައް އެޅުމުން ނަތީޖާ މާ ރަނގަޅުވާނެ ކަމަށް ވެސް އެޖަމާއަތުން ވަނީ ބުނެފައެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރި ދެކުނު އެފްރިކާއިން ފުރަތަމަ ރިޕޯޓްކުރި އޮމިކްރޯން ވޭރިއަންޓަކީ މިހާތަނަށް ފެނިފައިވާ އެންމެ ބާރުގަދަ އެއް ވޭރިއަންޓް ކަމަށް ބުނެ ވާހަކަ ދެކެވެމުންދާ އިރު ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ އެފްރިކާ ބައްރުގެ ބައެއް ގައުމުތަކަށް އެގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައެވެ.
މީގެ ތެރޭގައި އެމެރިކާގެ އިތުރުން ޔޫރަޕްގެ ބާރުތަކާ އޭޝިޔާ އަދި މެދު އިރުމަތީގެ ގައުމުތައް ވެސް ހިމެނެއެވެ.
އޮމިކްރޯންއިން ލިބޭނެ ގެއްލުމާ މެދު ޔަގީންކޮށް އަދި އެއްވެސް މައުލޫމާތެއް މިހާތަނަށް ހޯދިފައި ނުވާ އިރު މިހާރު ވެސް ބޭނުން ކުރަމުންދާ ކޮވިޑް ވެކްސިނުން މި ވޭރިއަންޓް ފެތުރުން މަޑު ޖައްސާ ލެވޭނެ ކަމަށް ބައެއް ކުންފުނިތަކުން ބުނެއެވެ. އެހެން ނަމަވެސް މޮޑޭނާ ވެކްސިން އުފެއްދި ކުންފުނީގެ އިސްވެރިޔާ އިއްޔެ ބުނެފައިވަނީ މިހާރު ބޭނުން ކުރާ ވެކްސިންތަކުން އޮމިކްރޯން ވޭރިއަންޓަށް އަސަރު ކުރާ މިންވަރު ކުޑަވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މިއާއެކު ދުނިޔޭގެ ހިއްސާގެ ބާޒާރުގެ އަގުތައް އިއްޔެ ވަނީ ވެއްޓިފައެވެ.