ޝަރީއަތްތައް ރަނގަޅަށް ކުރެވި، ކޯޓުތަކުގައި ގަޒިއްޔާތައް ރަނގަޅަށް ނިންމޭކަމީ ރާއްޖޭގެ ޖުޑީޝަރީ ދާއިރާއަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އާސްކް ސްޕީކާ ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި ނަޝީދު ވިދާޅުވީ، އަބަދުވެސް ޖުޑީޝަރީ ދާއިރާ އިސްލާހުކުރުމަށް ވަކާލާތު ކުރަމުންދާ ކަމަށާއި، އެގޮތުން ކޯޓުތައް އެއްވެސް ނުފޫޒެއް ނެތި، މިނިވަންކަމާއެކު ރަނގަޅަށް ހިންގޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރަމުމްދާ ކަމުގައި ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން އާންމު ހާލަތު ރަނގަޅުވުމަށް މަގުފަހިވެގެންދާކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ހާސްކަމެއްނެތި ރިވެތި ގޮތުގައި އުފަލުގައި ދިރިއުޅުމެއް ލިބުމަށް. ވަޒީފާއެއްގެ ފުރުސަތު އޮތުމަށް. ބޯހިޔާވަހިކަމެއް ލިބިފަ ހުރުމަށް. އަސާސީ ކަންކަން އަޅުގަނޑުމެންނަށްވޭ، އަދި ތަނަވަސްކަމެއްވެސް ލިބިފަ އޮތުމަށް ކޮންމެހެން އެބަ ބޭނުންވޭ އިންސާފުވެރި ޝަރުއި ނިޒާމެއް." ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން، އިދިކޮޅު ފަރާތްތަކުންވެސް ޖުޑީޝަރީ ދާއިރާއަށް އައިސްފައިވާ ހުރި އިސްލާހުތަކުގެ މިންވަރު ފާހަގަކުރާ ކަމަށާއި، ނުފޫޒުތަކުން އެއްކިބާވެ، މިނިވަންކަމާއެކު ކޯޓުތައް ހިންގުމަށްޓަކައި ޖޭއެސްސީން ހަރުދަނާ މަސައްކަތްތައް ކުރަމުންދާ ކަމަށް އާންމުންގެ ގިނަ ބަޔަކު ބަޔަކު ދެކޭ ކަމުގައި ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް އަލި އަޅުއްވާލައްވައި ނަޝީދު ވިދާޅުވީ، މިއީ ރާއްޖޭގެ ވެރިކަމުގެ ތާރީހުގައި ކުރީގެ ވެރިއެއް ދޫކޮށްލުމަށް ކޯޓަކުން ހުކުމްކުރި ފުރަތަމަ ފަހަރު ކަމަށާއި، އެހެންނޫނީ އާންމުކޮށް ފެންނަ މަންޒަރުތަކަކީ ކުރީގެ ވެރިންނަށް ރާއްޖެ ނާދެވުން ފަދަ މަންޒަރުތައް ކަމަށެވެ.

އެހެންކަމުން، ޝަރީއަތް ރަނގަޅަށް ކުރެވި ގަޒިއްޔާއެއް ރަނގަޅަށް ނިންމޭކަމީ ރާއްޖޭގެ ޖުޑީޝަރީ ދާއިރާއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ނަޝީދު ވަނީ ސިފަކުރައްވާފައެވެ.