ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރާ 2 މައްސަލައެއް ކްރިމިނިަލް ކޯޓުގައި އޮތުމާއެކު ޔާމީން ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން މިއަދު އަމުރެއް ނެރެފިއެވެ.
ކޯޓުން މިއަމުރު ނެރުނީ، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 5 އަހަރުގެ ޖަލުހުމުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި ރައީސް ޔާމީން މިއަދު މިނިވަން ވުމާއެކު ފުރާވަޑައިގެންފާނެ ކަމަށް ބަލައި ފުލުހުން ކޯޓުގައި އަމުރަކަށް އެދުމުންނެވެ.
ޔާމީން ފުރުން މަނާކުރުމުގެ އަމުރަކަށް ފުލުހުން އެދުނު އިރު ކްރިމިނަލް ކޯޓުގައި މިހާރު އޮތް ދެ ދައުވާ އަކީ ރ. ފުއްގިރި އާއި ވ. އާރަށުގެ މައްސަލައެވެ. ރ. ފުއްގިރި މައްސަލައިގައި ޔާމީނުގެ މައްޗަށް އުފުލާފައި ވަނީ އެ ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރެއްވުމުގެ ދައުވާއެވެ. ވ. އާރަށުގެ މައްސަލައިގައި އުފުލާފައި ވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރު ނަގައި ލޯންޑާ ކޮށްފައިވާ ކަމުގެ ދައުވާއެވެ.
މިއަދު ރައީސް ޔާމީން މިނިވަން ވި ދައުވާ އަކީ، ގއ ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކޮށްފައިވާ ކަން ސާބިތުވެ، ކްރިމިނަލް ކޯޓުން ކޮށްފައި ވާ 5 އަހަރުގެ ޖަލު ހުކުމާއި 5 މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ) ޖޫރިމަނާ ދައްކަން ކުރި ދައުވާއެވެ.