ގއ. ވޮޑަމުލާގެ މުއާމަލާތާ ގުޅިގެން، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 5 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ދަމަހައްޓާފައި ވާއިރު ސުޕްރީމް ކޯޓުގެ އިސްތިއުނާފުގެ މައްސަލައިގެ ފަހު މަރުހަލާގައި، އެ މައްސަލައާ ގުޅޭގޮތުން ފަނޑިޔާރުން ވަނީ ގިނަ ސުވާލުތަކެއް އުފައްދަވާފައެވެ. އެގޮތުން ހުކުމުގެ އަސްލު ގުޅިފައި އޮތް 1 މިލިއަން ޑޮލަރުގެ ޗެކް އެސްއޯއެފްގެ އެކައުންޓަށް ޖަމާވިތޯ ދައުލަތާ ސުވާލު އުފެއްދިއެެވެ. އެއީ ޑިޕޮސިޓް ސްލިޕްގައި އޮތް ޗެކް ނަމްބަރާއި އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓްގައި އޮތް ޗެކް ނަމްބަރު ދިމާ ނުވާތީއެވެ. އެހެންނަމަވެސް އެ މައްސަލަ އޮތީ ދަށު ކޯޓުތަކަށް ފާހަގަ ނުވެއެވެ. ނުވަތަ ގަސްތުގައި ފާހަގަ ނުކޮށެވެ.
ޔާމީންގެ މައްޗަށް ނޮވެމްބަރު 29، 2019 ގައި ކްރިމިނަލް ކޯޓުން ވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުން، ފަސް އަހަރުގެ ޖަލު ހުކުމެއް ކޮށް، ފަސް މިލިއަން ޑޮލަރު ދައުލަތަށް ދެއްކުމަށް ހުކުމް ކޮށްފައެވެ. އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބަލައިގަތީ މިދިޔަ އޭޕްރިލް މަހުގެ 19 ގައެވެ. އަދި މައްސަލައިގެ އަޑުއެހުންތައް މިދިޔަ ސެޕްޓެމްބަރު 12 ގައި ފަށާ ޖުމްލަ 8 އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސް މިއަދު އެ ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، ޔާމީން މިނިވަން ކޮށްފައެެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ އުސްތާޒު މަހާޒް އަލީ ޒާހިރެވެ. ދެން ތިއްބެވީ ޑރ. އަޒްމިރަލްދާ ޒާހިރުއާއި، ޑރ. މުހައްމަދު އިބްރާހީމްއެވެ.
ސުޕްރީމް ކޯޓުގައި ޔާމީންގެ ފަރާތުން 22 ނުކުތާއެއް ފާހަގަކުރިއެވެ. އޭގެ ތެރެއިން އިޖުރާއީ ބައެއް ގޯސްތަކާ ގުޅޭ ގޮތުން ހުށަހެޅި ގިނަ ނުކުތާތަކެއް ހިމެނެއެވެ. އެ ހުރިހާ ނުކުތާއެއް ވެސް ސުޕްރީމް ކޯޓުން ނިންމީ ޔާމީނާ ދެކޮޅަށެވެ. އެއީ އެ ނުކުތާތައް ސާބިތު ކުރުމަށް ގާނޫނުން އެކަށީގެންވާ ސަބަބުތަކެއް ޔާމީނުގެ ފަރާތުން ދެއްކިފައި ނެތް ކަމަށާއި އޭގެ ސަބަބުން ޔާމީންގެ ހައްގެއް ގެއްލިފައިވާ ކަމަށް ބުނެދެވިފާ ނެތުމުންނެވެ.
ނަމަވެސް ދަށު ކޯޓުގެ ފަސް ގާޒީން ޔާމީންގެ މައްޗަށް އަދަބު ކަނޑައަޅާފައި އޮތް ގޮތް ގޯސް ކަމަށް ސްޕްރީމް ކޯޓުގެ ބެންޗުން ކަނޑައެޅިއެވެ. އެއީ, ޖަލު އަދަބާއި ޖޫރިމަނާގެ އަދަބު އުގޫބާތެއްގެ ގޮތުގައި ކަނޑައަޅާނަމަ އެކަން ކުރަން ޖެހޭނީ އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ނަމަވެސް ޖޫރިމަނާ ބޮޑު ކުރި ކުރުން ބަލައި ނުގަނެވޭ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުގެ ހުކުމާއި، ހައި ކޯޓުން އެ ހުކުމަށް ތާއިދު ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރި މައިގަނޑު ސަބަބަކީ އެސްއޯއެފްގެ ޗެކަކީ ދައުލަތަށް ލިބެން ޖެހޭ ޗެކެއް ކަމާ މެދު ފާޅުކަން ބޮޑު ސުވާލުތަކެއް އުފެދުމުންނެވެ. ފަނޑިޔާރު މަހާޒް ހުކުމް އިއްވަމުން ވިދާޅުވީ ސުޕްރީމް ކޯޓުގެ މަރުހަލާގައި ބަލަން ޖެހޭނީ ހައި ކޯޓުގެ މަރުހަލާގައި ގާނޫނާ ހިލާފު ކަމެއް ހިމެނޭތޯ ނުވަތަ ނޫންތޯ ކަމަށެވެ. މި ގޮތުން ޔާމީންގެ އެކައުންޓަށް ފައިސާ ލިބުނު ޗެކް ނަންބަރާއި ޑިޕޮސިޓް ސްލިޕްގައި ވާ ނަންބަރު ދިމާ ނުވާތީ އެސްއޯއެފް އަށް ޖަމާވީ ގއ. ވޮޑަމުލާ ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަން ފާހަގަވެފައި ނުވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ދައުލަތަށް ވެސް ސުޕްރީމް ކޯޓުގެ މަރުހަލާގައި އެ ނުކުތާ ސާފުކޮށްދެވޭނެ ވާހަކަތަކެއް ދެއްކިފައި ނުވާ ކަމަށް ވެސް މަހާޒް ވިދާޅުވިއެވެ. އަދި އެ ފުށުއެރުމަކީ ކްރިމިނަލް ކޯޓާއި ހައި ކޯޓުގައި ވެސް ފާހަގަވާން ޖެހޭނެ، އެކަމަކު ފާހަގަ ނުކޮށް އޮތް ފުށުއެރުމެއް ކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.
ޔާމީނުގެ އެކައުންޓަށް ޖަމާވި ފައިސާއާ މެދު އުފެދުނު ސުވާލު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި އޮތް ކަރަންޓު އެކައުންޓަކަށް އެއް މިލިއަން ޑޮލަރު އެސްއޯއެފް އިން ޖަމާ ކުރިއެވެ. އެސްއޯއެފް އަކީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި އެންމެ ބޮޑަށް ބައިވެރި ކޮށްފައިވާ ކުންފުންޏެވެ. އެސްއޯއެފް އިން ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީ އަށް ވަން އެއް މިލިއަން ޑޮލަރު ކަމަށް ދައުލަތުން ބުނެއެވެ. އަދި އެ ފައިސާގެ އަސްލު އޮޅުވާލައި, އެއިން ޔާމީން މަންފާ ހޯއްދެވި ކަމަށް ވަނީ ބުނެފައެވެ.
މަނީލޯންޑްރިންގެ ކުށް ސާބިތުކުރުމަށް ބޭނުންވާ އެންމެ މުހިންމު ރުކުނަކީ މަންފާ ހޯދި ފައިސާއަކީ ކުށްކޮށްގެން ހޯދި ފައިސާއެއް ކަމާމެދު ޝައްކު އޮތުމެވެ. ދައުލަތުން ބުނާ ގޮތުގައި އެ އެއް މިލިއަން ޑޮލަރަކީ ކުށްކޮށްގެން ހޯދި ފައިސާ ކަމާމެދު ޝައްކު އެބަ އޮތެވެ.
ނަމަވެސް ޔާމީންގެ ފަރާތުން ފާހަގަކުރާ ނުކުތާއަކީ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ވޮޑުމުލާގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމެއް ސާބިތު ނުކޮށް ދެވޭ ކަމާއި އެއީ ކުށްކޮށްގެން ހޯދި ފައިސާއެއް ކަމެއް ވެސް ދައުލަތަށް ސާބިތު ނުކޮށްދެވޭ ކަމަށެވެ. އެ ވާހަކައަށް ދައުލަތުގެ ތަކުރާރު ރައްދަކަށް އޮތީ ސީދާ ވޮޑުމުލާގެ ފައިސާކަން ސާބިތުކޮށް ދޭން ނުޖެހޭ ކަމަށެވެ. ދައުލަތުން ވަނީ އެއީ ވޮޑުމުލާގެ ފައިސާކަން ސާބިތުކުރުމަށް ހެކި ވެސް ހުށަހަޅާފައެވެ.
ޗެކް ނަންބަރު ދިމާ ނުވުމުގެ ސުވާލު
މި މައްސަލާގައި ހުށަހަޅާފައިވާ ވޮޑަމުލާގެ ފައިސާގެ ޗެކް ނަންބަރު އެސްއޯއެފްގެ ބޭންކް ސްޓޭޓްމެންޓާއި ޑިޕޮޒިޓް ސްލިޕްގައި ދެ ގޮތަކަށް އޮތުމުން ޔާމީންގެ އެކައުންޓަށް ވަދެފައި ވަނީ ވޮޑުމުލާ ޗެކްކަމާމެދު ސުވާލު އުފެދޭތީ ކަމަށް ހުކުމްގައި ވެއެވެ. ހުކުމްގައި ބުނީ ޗެކްގެ ނަންބަރުގައި އޮތް ފުށުއެރުމަކީ ދަށު ކޯޓާއި ހައިކޯޓުގައި ވެސް ފާހަގަވާން ޖެހޭ ކަމެއް ކަމަށެވެ.
ނަމަވެސް ޗެކް ނަންބަރު ނުބައިކޮށް އޮތްކަން ފާހަގަވެފައި ވަނީ ސުޕްރީމް ކޯޓުން މި މައްސަލަ ދިރާސާ ކުރަމުން ދަނިކޮށެވެ. އެހެންވެ, އެކަމުގައި ދައުލަތުގެ ބަހެއް ހޯދުމަށް ވަކި އަޑުއެހުމެއް ވެސް ބޭއްވިއެވެ. އެ އަޑުއެހުމުގައި ޑިޕޮސިޓް ސްލިޕްގައި ވާ ޗެކް ނަމްބަރާއި އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓްގައި އޮތް ޗެކް ނަމްބަރާ ދިމާނުވި ނަމަވެސް ޔާމީނަށް ޖަމާވީ ވޮޑަމުލާގެ ފައިސާކަން އެނގޭ ކަމަށް އެ ދުވަހު ދައުލަތުން ސުޕްރީމް ކޯޓުގައި ވަނީ ބުނެފައެވެ. ފަނޑިޔާރު މަހާޒް އަލީ ޒާހިރު ދައުލަތާ ސުވާލު ކުރެއްވީ ޑިޕޮސިޓް ސްލިޕްގައި އޮތް ޗެކް ނަމްބަރާއި އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓްގައި އޮތް ޗެކް ނަމްބަރު ދިމާ ނުވަނީ ކީއްވެތޯއެވެ. އަދި އެ ޗެކަކީ މިމައްސަލައިގައި ހިމެނޭ އެއް މިލިއަން ޑޮލަރުގެ ޗެކްތޯ ފަނޑިޔާރު މަހާޒް ސުވާލު ކުރެއްވެވިއެވެ. ޖަވާބުގައި ދައުލަތުގެ ބުނީ ސުޕްރީމް ކޯޓުން ހިއްސާ ކޮށްފައިވާ ޗެކަކީ މިމައްސަލައިގައި ވާހަކަ ދެކެވޭ އެއްމިލިއަން ޑޮލަރުގެ ޗެކް ކަމަށެވެ. މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ އެ އަޑުއެހުމުގައި ދައުލަތަށް ޖަވާބުދާރީވެސް ވެވިފައި ނުވާ ކަަމަށެވެ.
އެސްއޯއެފްގެ ބަހެއް ނުނެގުމާއި އަދީބާއި ޒިޔަތުގެ ބަސް ހޯދި ގޮތާމެދު އުފެދުނު ސުވާލު
މީގެއިތުރުން ދަށު ކޯޓުގައި އެސްއޯއެފްގެ އިސް ވެރިންގެ ހެކިބަސް ނުނަގަން ނިންމި ނިންމުން އެނޫން ގޮތަކަށް ބަދަލު ކުރުމަށް ދައުލަތުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމާއި މައްސަލަ އިސްތިއުނާފު ވެސް ކޮށްފައި ނެތުމަކީ އެކަމުގައި ދައުލަތުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނެތްކަން އެނގޭ ކަމެއް ކަމަށާއި ނަމަވެސް އެ މީހުންގެ ހެއްކަކީ މި މައްސަލާގައި ކުށް ސާބިތުކޮށް މައްސަލަ ވަރުގަދަ ކުރުމަށް މުހިންމު ހެއްކެއް ކަމަށް ހުކުމްގައި ވެއެވެ.
މައްސަލާގެ މުހިންމު ހެއްކެއް ކަމަށްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުالله ޒިޔަތުގެ ހެކިބަސް ބަލައިގެންފައިވާ ގޮތް ވެސް ގޯސް ކަމަށް ކަނޑައެޅިއެވެ. އެއީ އަދީބާއި ޒިޔަތަކީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނަށް އަމިއްލައަށް އިއުތިރާފު ވެފައިވާ ބައެއް ކަމުން އެއީ ފާސިގުން ކަމަށް ބެލެވޭނެއެވެ.
ސުޕްރީމް ކޯޓުން މީގެކުރިން ކަނޑައަޅާފައި ވާ ގޮތުގައި ފާސިގުންގެ ހެކިބަސް ބަލައިގަނެވޭނީ އެ ހެކިބަހާ ގުޅުވާލެވޭ އެހެން ހެކިތަކެއް ހުރި ނަމައެވެ. ކުރިމިނަލް ކޯޓުން ޔާމީންގެ މައްސަލާގައި އެ ދެ މީހުންގެ ހެކިބަސް ބަލައިގަތީ ވެސް އެގޮތަށް ބުނެއެވެ.
ނަމަވެސް ސުޕްރީމް ކޯޓުން ބުނީ އަދީބާއި ޒިޔަތުގެ ހެކިބަހާ ގުޅޭ އެހެން ހެކިތަކަކީ ކޮބައިކަމެއް ފާހަގަ ކޮށްފައި ނެތް ކަމަށެވެ. އެހެންކަމުން އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގެންފައި ވަނީ ގާނޫނީ އުސޫލުގެ ތެރެއިން ނޫން ކަމަށެވެ. އަދި, އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގަތުމަކީ ރައްކާތެރިކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ހުކުމްގައި ވެއެވެ.
1 މިލިއަން ޑޮލަރުގެ ހަގީގަތް ހޯދަން ހުޅުވި ފުރުސަތު
އެއް މިލިއަން ޑޮލަރުގެ ހަގީގަތް މިހާތަނަށް ހޯދިފައި ނެތުމުން އެކަން ތަހުގީގު ކުރުމުގެ ހައްގު އަދިވެސް ދައުލަތަށް އެބަ އޮތް ކަމަށާއި ނަމަވެސް, އެކަން ކުރުމުގައި ގާނޫނުއަސާސީގެ 60 ވަނަ މާއްދާއިން ޔާމީނަށް ލިބޭ ހައްގުތައް ގެއްލޭ ގޮތަށް އަމަލުކޮށްގެން ނުވާނެ ކަމަށް ހުކުމްގައި ވެއެވެ. އެ އެއް މިލިއަން ޑޮލަރު ހޯދުމަށް މަދަނީ މައްސަލައެއްގެ ގޮތުގައި ކޯޓުތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދެވިދާނެކަން ފަނޑިޔާރު މަހާޒު ފާހަގަ ކުރެއްވިއެވެ.
5 އަހަރުގެ ޖަލު ހުކުމާއި 5 މިލިއަން ޑޮލަރުގެ މައްސަލަ ނިމި އާ މައްސަލަތައް ފެށުން
ދަށު ކޯޓުން ޔާމީނުގެ މައްޗަށް ސާބިތު ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ނޮވެމްބަރު 30، 2019 ވަނަ ދުވަހު ހުށައެޅިއެވެ. ޑިސެމްބަރު 18، 2019 ވަނަ ދުވަހު އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފައި ވާއިރު، ޖެނުވަރީ 21، 2021 ގައި ހައިކޯޓުން ވަނީ އެ ހުކުމް ދަމަހައްޓާފައެވެ. އެ މައްސަލައިގެ ޖުމްލަ 7 އަޑުއެހުމެއް ހައި ކޯޓުގައި ބޭއްވިއެވެ.
މީގެ އިތުރުން މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާއެއް ޔާމީނުގެ މައްޗަށް އުފުލައި، މި މަހުގެ 24 ވަނަ ދުވަހު ޕްރޮސެކިއުޓަރު ޖެނެރަލް އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
މިފަހަރު ޔާމީންގެ މައްޗަށް ދައުވާ ކުރީ ޔާމީނާއި ވ. ފެލިދޫ، ހަނދުވަރީގެ، ޔޫސުފް ނައީމް، ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސްގެ މަގާމުގެ ހައިސިއްޔަތުން ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަގައި ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައާއި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރެއްވުމުގެ ދައުވާއެވެ.