ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު މައްސަލަ ނިންމާލުމަށް ފަހު ސުޕްރީމް ކޯޓުން ރިސެސަށް ގޮއްސިއެވެ.

ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން، ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން، ޖެހިގެން އޮންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ ދުވަހާ ހަމައަށް ސުޕްރީމް ކޯޓު ރިސެސަށް ދާނެއެވެ.

ސުޕްރީމް ކޯޓު ރިސެސަށް ގޮސްފައި އޮންނަ މުއްދަތުގައި ގާނޫނުގައި ބަޔާންކޮށްފައިވާ މަސައްކަތްތަކާއި ވަކި މުއްދަތެއްގައި ނިންމަންޖެހޭ މަސައްކަތްތައް ފިޔަވައި، އެ މުއްދަތުގައި އެ ކޯޓުން އެއްވެސް ޝަރީއަތެއްގެ އަޑުއެހުމެއް ނުބާއްވާނެއެވެ.

ނަމަވެސް ކޯޓުން މައްސަލަތައް ބަލައިގަންނާނެ ކަމަށާއި، އިދާރީ އެހެނިހެން މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ދާނެ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.

ސުޕްރީމް ކޯޓު ރިސެސަށް ދިއުމުގެ ކުރިން ޔާމީންގެ މައްސަލަ ނިންމާނެ ކަމަށް، އެމަނިކުފާނުގެ މައްސަލަ ބައްލަވާ ބެންޗުން އޮތީ ވިދާޅުވެފައެވެ. އެހެންކަމުން ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބަލާ މިއަދު ނިންމައި ޔާމީނަށް ހުކުމްކޮށްފައެވެ.

ސުޕްރީމް ކޯޓުން ރިސެސަށް ދިޔަ ނަމަވެސް، ސިވިލް ކޯޓުން ވަނީ ރިސެސަށް ނުދާން ނިންމާފައެވެ.