މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓުން މިނިވަން ކުރުމާ ގުޅިގެން ސަޕޯޓަރުން ދަނީ އުފާފާޅު ކުރަމުންނެވެ.

ޔާމީންގެ މައްޗަށް ނޮވެމްބަރު 29، 2019 ގައި ކްރިމިނަލް ކޯޓުން ވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުން، ފަސް އަހަރުގެ ޖަލު ހުކުމެއް ކޮށް، ފަސް މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ހުކުމް ކޮށްފައިވާއިރު މިއަދު ސުޕްރީމް ކޯޓުން ވަނީ އެހުކުމް ބާތިލުކޮށް، ރައީސް ޔާމީން މިނިވަން ކޮށްފިއެވެ.

ރައީސް ޔާމީން މިނިވަން ކުރުމާއެކު ސަޕޯޓަރުން އުފާފާޅުކުރަމުން ދާއިރު ޕީޕީއެމްގެ އޮފީސް ކައިރިއަށް އެތައް ބަޔަކު ވަނީ އެއްވަފައެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި ވެސް އެތައް ބަޔަކު އަންނަނީ ރައީސް ޔާމީނަށް މަރުހަބާ ދަންނަވާ އުފާފާޅުކުރަމުންނެވެ.

ހައްގަށް ނަސްރު ދެއަވާނެ، ޔާމީން އަށް މަރުހަބާ ދަންނަވަން، ގައުމަށް މި ސާބިތުވީ އެމަނިކުފާނު ކުށެއް ނުކުރާނަން، ވަރަށް ހިތްހަމަ ޖެހިފަ މިތިބީ
ރައީސް ޔާމީންގެ ސަޕޯޓަރެއް

ޔާމީންގެ ސަޕޯޓަރުން ޕީޕީއެމް އޮފީސް އަދި ޔާމީންގެ ގެކޮޅު ކައިރީގައި / ފޮޓޯ: ދަ ޕްރެސް

ޕީޕީއެމް އޮފީސް ބޭރުގައި އަދި ރައީސް ޔާމީންގެ ގެކޮޅު ކައިރީގައި ސަޕޯޓަރުން އުފާ ފާޅުކުރަމުން ދާއިރު ޕީޕީއެމް އޮފީސް ތެރޭގައި ވެސް ޕީޕީއެމްގެ މެންބަރުން އަދި ސަޕޯޓަރުން އަންނަނީ އުފާފާޅުކޮށް ރޮމުންނެވެ. އެކަކު އަނެކަކު ގައިގައުި ބައްދަމުން ދާ މަންޒަރު ވެސް ފެނެއެވެ.

ރައީސް ޔާމީން ދުވަހަކުވެސް ގައުމަށް ހިޔާނާތެއް ނުވާނެ، އެއޮތީ އެކަން ސާބިތުވެސް ވެފަ
ރައީސް ޔާމީންގެ ސަޕޯޓަރެއް
ޔާމީންގެ ސަޕޯޓަރުން ޕީޕީއެމް އޮފީސް އަދި ޔާމީންގެ ގެކޮޅު ކައިރީގައި / ފޮޓޯ: ދަ ޕްރެސް

ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމުގައި އުސްތާޒު މަހާޒު އަލީ ޒާހިރާއި، ޑރ. އަޒުމިރާލްދާ ޒާހިރާއި ޑރ. މުހައްމަދު އިބްރާހިމްގެ އިއްތިފާގުން ކުރި ހުކުމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރީ، ވޮޑަމުލާގެ ފައިސާ އެސްއޯއެފަށް ޖަމާކުރި ކަމަށް ބުނާ ޗެކް ނަންބަރު ދިމާނުވާތީ ޔާމީންގެ އެކައުންޓަށް ޖަމާވީ އެމްއެމްޕީއާރްސީގެ ފައިސާ ކަމާ މެދު ޝައްކު އުފެދޭ ކަމެވެ. އަދި ދައުލަތުން ޔާމީނަށް ކުރި ދައުވާގައި ބުނާ ގޮތުގައި ޔާމީންގެ އެކައުންޓަށް ޖަމާވީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެވެ. އެކަމަކު، އެކަން ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށް ޔާމީންގެ ފަރާތްޕުޅުން ކޯޓުގައި ދިޔައީ ބުނަމުންނެވެ.

މިމައްސަލައިގައި ކްރިމިނަލް ކޯޓުން ޔާމީން ޑޮލަރުން ޖުރިމަނާކުރުމަށްނިންމާ ފަސް މިލިއަން ޑޮލަރުން ޖުރިމަނާ ކުރުމުން އެކަން ޔާމީންގެ ފަރާތުން ފާހަގަ ކޮށްފައި ވާއިރު ފަނޑިޔާރު މަހާޒް ވިދާޅުވީ ޑޮލަރުން ޖުރިމަނާ ކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމި ނިންމުން ގޯސްކަމަށް ނުބެލެވޭނެ ކަމަށެވެ. އެހެންނަމަވެސް ޖުރިމަނާގެ އަަދަދު މަތިކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށް ފަނޑިޔާރު މަހާޒްގެ ރައުޔުގައިވެއެވެ.

މީގެ އިތުރުން ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ވޮޑަމުލާގެ އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާކަމާމެދު ޝައްކު އުފެދިފައި ވާކަމަށްވެސް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.