އަލަށް ހޯދާފައިވާ ކޮވިޑްގެ ވޭރިއަންޓް 'އޮމިކްރޯން' އިން ރައްކާތެރިވުމަށް ވީހާ ވެސް ގިނަ ބަޔަކު ކޮވިޑް ވެކްސިން ޖެހުމަށް އެމެރިކާގެ ރައްޔިތުންނަށް އެގައުމުގެ ރައީސް ޖޯ ބައިޑަން އިލްތިމާސްކުރައްވައިފިއެވެ.

ދެކުނު އެފްރިކާއިން ފުރަތަމަ ފެނުނު މި ވޭރިއަންޓް މިހާރު އެހެން ގައުމުތަކުން ވެސް ފެންނަމުންދާ އިރު އިއްޔެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވަނީ އޮމިކްރޯން ދުނިޔޭގެ ގިނަ ހިސާބުތަކަށް ފެތުރޭނެ ކަމުގެ އިންޒާރު ދީފައެވެ. އަދި މި ވޭރިއަންޓްގެ ސަބަބުން ގައުމުތަކުގެ ސިއްހީ ނިޒާމްތައް އިނދަޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެޖަމާއަތުން ވަނީ ބުނެފައެވެ.

އެމެރިކާގެ ވައިޓްހައުސްގައި ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ، އޮމިކްރޯންގެ ސަބަބުން ކަންބޮޑުވެ ފިޔަވަޅުތައް އެޅިއަސް މިއީ ހާސްވެގެން އުޅެންވީ ވަގުތު ނޫން ކަމަށެވެ.

ބައިޑަން ވަނީ ވެކްސިން ނުޖަހާ ތިބި ރައްޔިތުން ވީހާ ވެސް އަވަހަކަށް ވެކްސިން ޖެހުމަށް ގޮވާލައްވާފައެވެ. އަދި ދެ ޑޯޒް ފުރިހަމަ ކުރި މީހުން ބޫސްޓާ ޑޯޒް ޖެހުމަށް ވެސް އެމެރިކާގެ ރައީސް އިލްތިމާސްކުރެއްވިއެވެ.

އެމެރިކާގެ ރައީސް ވިދާޅުވީ، އެގައުމުގެ ސައިންސްވެރިން ދަނީ ވެކްސިން އުފައްދާ ކުންފުނިތަކާއެކު އޮމިކްރޯން ވޭރިއަންޓްގެ ދިރާސާތައް ކުރަމުން ކަމަށާ އެ ވޭރިއަންޓް އެމެރިކާގައި ފެތުރިއްޖެނަމަ އިތުރު ލޮކްޑައުންއަކަށް ނުގޮސް ބަލި ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ޔޫރަޕާ އޭޝިޔާގެ ބައެއް ގައުމުތަކުން އޮމިކްރޯން ފެނިފައިވާ އިރު އެމެރިކާއިން އަދި މި ވޭރިއަންޓްގެ ކޭހެއް ރިޕޯޓްކޮށްފައެއް ނުވެއެވެ.