ނިއުޒީލެންޑްގެ ޕާލިމަންޓް މެންބަރު ޖޫލީ އޭން ވިހަން ބަނޑުގައި ރިއްސުމުން ހޮސްޕިޓަލަށް ގޮސްފައި ވަނީ އޭނާ އަމިއްލައަށް ސައިކަލު ދުއްވާފައި ކަމަށް އެގައުމުގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އޭގެ އެއްގަޑިއިރު ފަހުން އޭނާ ވިހާފައިވާއިރު މިކަމާ ގުޅިގެން އޭނާ ވިދާޅުވީ ތުއްތު ދަރިފުޅުގެ ހާލު ރަނގަޅު ކަމަށާ ވިހަން ހޮސްޕިޓަލަށް ވަޑަެިގަންނަވަން ޖެހިވަޑައިގަންނަވާނީ ސައިކަލުގައި ކަމަށް ހީވެސް ކުރެއްވިފައި ނުވާ ކަމަށެވެ. ނަމަވެސް އެކަން ވެސް އެ ހިނގީ ކަމަށް އޭނާ ވިދާޅުވިއެވެ.
ހޮސްޕިޓަލަށް ވަޑައިގަންނަވަން ދަތުރު ފެށްޓެވި އިރު ބަނޑުގައި މާބޮޑަކަށް ނުރިއްސާ ކަމަށާ ނަމަވެސް އޭގެ ދިހަވަރަކަށް މިނެޓަށް ފަހު ހޮސްޕިޓަލާ ހަމައަށް ވަޑައިގެންނެވުނު އިރު ރިހުން ބޮޑުތަނުން އިތުރުވެފައިވާ ކަން ވެސް އޭނާ ވަނީ ހިއްސާ ކުރައްވާފައެވެ.
ނިއުޒީލެންޑަކީ އެގައުމުގެ ބައެއް ސިޔާސީ ލީޑަރުން ގެންގުޅުއްވާ ސިޔާސަތުތަކާ އުސޫލުތަކާ އަދި މިޒާޖުގައި ހުންނަ ހިތްހެޔޮ ކަމުގެ ސަބަބުން އެތައް ބައެއްގެ ލޯތްބާ، ގަދަރާއި އިހުތިރާމު ލިބިފައިވާ ބައެކެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއް ލީޑަރަކީ އެގައުމުގެ ބޮޑުވަޒީރު ޖެސިންޑާ އަޑާންއެވެ.
ބޮޑުވަޒީރު ޖެސިންޑާ ވަނީ ވިހެއުމާ ގުޅިގެން މެޓާނިޓީ ލީވް ވެސް ނަންގަވާފައެވެ. އަދި ތިން މަހުގެ ތުއްތު ދަރިފުޅާއެކު އޭނާ ވަނީ އދ ގެ ބައްދަލުވުމުގައިވެސް ބައިވެރިވެވަޑައިންފައެވެ.