މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ބޮޑެތި ހުށަހެޅުން ތަކަކާ އެކު، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާ ގުޅޭ ރިޕޯޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެ އެޖެންސީ ބަދަލުކުރުމަށް "ހޭންޑްސް ޓްގެދާ" ޖަމިއްޔާ އިން އިސްވެ ހުށަހެޅި "ޗޭންޖް އެންޑީއޭ"ގެ ޕެޓިޝަންގެ މައްސަލަ ވަރަށް ބޮޑަށް ދިރާސާކުރުމަށް ފަހު މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ޕެޓިޝަން ކޮމިޓީން ވަނީ އެ ރިޕޯޓު ފާސްކޮށްފައެވެ. މަޖިލީހުން މިއަދު އެ ރިޕޯޓު ފާސްކުރީ، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުންގެ ވޯޓުންނެވެ.

އެންޑީއޭގެ ރިޕޯޓުގައި، އެ އެޖެންސީ އަށް މިހާރު ދިމާވާ މައިގަނޑު މައްސަލަތަކާއި އެ ތަނުގެ ހިންގުމާއި ފަރުވާގެ ނިޒާމު އަދި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާ ގުޅޭ ކަންކަމަށް އަލިއަޅުވާލާފައި ވެއެވެ.

އެ ރިޕޯޓުގައި މައިގަނޑު 10 ދާއިރާއަކުން 33 ރިކޮމެންޑޭޝަން ހުށަހަޅާފައި ވެއެވެ.

"ޗޭންޖް އެންޑީއޭ" ޕެޓިޝަނަކީ ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޮޅި ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހައިތަމް ސްޕޮންސާ ކުރައްވަައި، 1،050 މީހުންގެ ސޮޔާ އެކު މިދިޔަ މާޗް މަހު މަޖިލީހަށް ހުށަހެޅި ޕެޓިޝަނެކެވެ. ޑްރަގް ބޭނުން ކުރުން ހުއްޓުވަން ކުރާ މަސައްކަތުގައި ހުރި ގިނަ މައްސަލަތަކެއް އެ ފާހަގަކޮށް، އެ ކަންތައްތަކަށް ހައްލު ހޯދައިދޭން، އެ ޕެޓިޝަނުގައި ގޮވާލައިފައި ވެއެވެ.

އެންޑީއޭގެ މައްސަލަ މަޖިލީހުން ދިރާސާ ކުރަމުން ދިޔަ އިރު އެންޑީއޭ ހިންގަން ދިން ބޮޑު ބަޖެޓަށް ހިޔާނާތްތެރިވެފައި ވާ ކަމުގެ ވާހަކަވެސް ފެންމަތިވެ ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްވެސް މެންބަރުން ވަނީ ގޮވާލައްވާފައެވެ.