މާލޭގައި މިނީބަހުގެ ހިދުމަތް ނުފެށި ލަސްވަމުން ދަނީ އެ ހިދުމަތް ފެށުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ބަޖެޓުގައި ހިމެނިފައި ނެތުމުން ކަމަށް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މިނީބަހުގެ ހިދުމަތް ފަށާނެ ތާރީހު އޮޅުންފިލުވުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން، މިނިސްޓަރު ނަހުލާ ވިދާޅުވީ މިކަން ކުރުމަށްޓަކައި ގިނަ މަސައްކަތްތައް މިނިސްޓްރީން ކުރި ކަމަށާއި، ނަމަވެސް ބަޖެޓުގެ ދަތިކަމާ ހެދި މަސައްކަތް ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތައް އެބަހުރި ކަމަށެވެ.

އެއާއެކު މިނިސްޓަރު ވަނީ މިނީބަހުގެ ހިދުމަތް ފެށުމުގެ ވައުދަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވައުދެއްކަން ފާހަގަ ކުރައްވައި، އެ ވައުދު ފިޔަވައި އެހެނިހެން ވައުދުތައް ފުއްދިފައިވާ ކަމަށް ފާހަގަ ކުރައްވާފައެވެ.

"ވަޒީރެއްގެ ގޮތުގައި އަޅުގަނޑުމެން އައްޔަނުކުރިޔަސްވެސް އަޅުގަނޑުމެންނަށް މަސައްކަތްކުރެވޭނީ އަދި އަޅުގަނޑުމެންނަށް ހަވާލުކުރާ ޒިންމާތައް އަދާކުރެވޭނީ އަޅުގަނޑުމެންނަށް އެ މަސައްކަތަކަށް ބަޖެޓު ލިބިގެން ކަމަށްވާތީ، އަދި އެކަމުގައި ބަޖެޓު ހަމަޖެހިފައި ނުވާތީ އެކަން ލަސްވެގެންދާކަން އަޅުގަނޑު ފާހަގަކޮށްލަން."
ނަހުލާ

ބަޖެޓުގައި އެ މަސައްކަތް ހަމަޖެހިފައި ނެތް ނަމަވެސް، ހިލޭ އެހީދޭ ޖަމިއްޔާ ޖަމާއަތްތަކުގެ އެހީއެއް ލިބޭތޯ ފޮރިން މިނިސްޓްރީގައި ދެންނެވި ކަމަށާއި، އެކަމަކު އެ މިނިސްޓްރީން މިހާތަނަށް ޖަވާބެއް ދީފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މިނީބަހުގެ ހިދުމަތް ފެށުމަށްޓަކައި ދައުލަތުން ކަނޑައަޅާފައިވާ 16.9 މިލިއަން ރުފިޔާގެ ބަޖެޓުން އެ ހިދުމަތް ނުފެށޭނެ ކަމަށާއި، އެއަށްވުރެ ގިނައިން ބޭނުންވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ލިބިފައިވާ ބަޖެޓުން ހަތަރު ބަސް ނޫނީ ފަސް ބަސް ގަނެގެން އަޅުގަނޑުމެންގެ މަސައްކަތެއް ނުފެއްޓޭނެ."
ނަހުލާ

ނަމަވެސް ބަޖެޓު ކުރެވުނުހާ އަވަހަކަށް މި މަސައްކަތް ފައްޓަވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

މާލޭގައި މިނީބަހުގެ ހިދުމަތާއި ސްކޫލް ބަހުގެ ހިދުމަތް ދޭން ފެއްޓުމަކީ ރައީސާއި އެމްޑީޕީގެ ވައުދެކެވެ.