ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑް-19ގެ އާ ވޭރިއަންޓް އޮމިކްރޯނާ ދެކޮޅަށް ވެކްސިނެއް އުފައްދަމުން އަންނަ ކަމަށް ނޮވޭވެކްސްއިން ބުނެފިއެވެ.

ނޮވޭވެކްސްއިން މިކަން ހާމަކޮށް ބުނެފައިވަނީ މި ވޭރިއަންޓުން ދިފާއުވުމަށް އާ ވެކްސިނެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އަންނަ ހަފްތާގެތެރޭގައި މި ވެކްސިންގެ ޓެސްޓިން ޓްރަޔަލްތައް ފެށޭނެ ކަމަށް ބުނެފައިވެއެވެ.

އެކުންފުނިން މި ވެކްސިނާ ގުޅޭ ބައެއް ތަފްސީލު ހާމަކޮށްފައި ވާއިރު ބުނެފައިވަނީ ވެކްސިނުގައި ވައިރަހުގެ އަސްލު ސްޕްއިކް ޕްރޮޓީން ހުންނާނެ ކަމަށާ ނަމަވެސް އޭގެން އިންސާނުންނަށް ބައްޔެއް ނުޖައްސާނެ ކަމަށެވެ. އަދި އެއިން އަސަރު ކުރާނީ އިންސާނާގެ ދިފާއީ ނިޒާމަށް ކަމަށް ކުންފުނިން ބުނެއެވެ.

ނޮވޭވެކްސްއިން އާ ވޭރިއަންޓާ ދެކޮޅަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނައިރު ކޮވިޑާ ދެކޮޅަށް ވެކްސިން އުފައްދާ ކުންފުނިތައް ކަމަށްވާ ބަޔޯއެންޓެކް، ފައިޒާ ގެ އިތުރުން ޖޯންސަން އެންޑް ޖޯންސަން އަދި މޮޑާނާއިން އަންނަނީ އެ ކުންފުނިތަކުން ކޮވިޑާ ދެކޮޅަށް މިހާރު އުފައްދާފައިވާ ވެކްސިންތަކުން އޮމިކްރޯންއަށް ކުރާ އަސަރު ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑްގެ އާ ވޭރިއަންޓާ މެދު ކަންބޮޑުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފައި ވާއިރު ޑަބްލިއުއެޗްއޯއިން ބުނީ މިވޭރިއަންޓާ ބެހޭ ފުރިހަމަ ތަހްލީލުތަކެއް އަދި ސައިންސްވެރިންނަށް ހޯދިފައި ނުވާ ކަމަށާ، މިކަމުގައި އަވަސް އަރުވާލައިގެން ފިޔަވަޅުތައް އަޅަން ނުޖެހޭ ކަމަށެވެ.