ޖުޑިޝަލް 6 ދާއިރާއަކަށް އިސްމެޖިސްޓްރޭޓުން ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާން ކޮށްފިއެވެ.

އިސްމެޖިސްޓްރޭޓް ކަމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ ގދ، ނ، ބ، ވ، ށ އަދި ހއ ދާއިރާއަށް ކަމަށް ޖޭއެސްސީން ބުނެއެވެ.

މި މަގާމުގެ މުސާރައާއި އިނާޔަތައް ބަލާއިރު އަސާސީ މުސާރައިގެ ގޮތުގައި 23,150.00 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ލިވިން އެލަވަންސްގެ ގޮތުގައި 4000 ރުފިޔާ އަދި ރިސްކު އެލަވަންސްގެ ގޮތުގައި 800 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހަމައެހެންމެ މާލެ ފިޔަވައި އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރާ މެޖިސްޓްރޭޓުންނަށް މަހަކަށް 1،500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޖޭއެސްސީން ބުނީ މާލެ ފިޔަވައި އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރުން ކަމަށް ބަލާނީ އެމީހަކު ނުވަތަ އެ މީހެއްގެ އަނބިމީހާގެ އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ އެމީހަކު ނުވަތަ އެ މީހެއްގެ އަނބިމީހާ ދިރިއުޅުން ހަމަޖެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރުމަށް ކަމަށެވެ. އަދި މި އެލަވަންސް ލިނޭނީ ހަމައެކަނި މެޖިސްޓްރޭޓުންނަށް ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ މި މަގާމަށް ކުރިމަތިލާ ފަރާތަކީ އެ ދާއިރާގެ ކޯޓެއްގެ އިސްމެޖިސްޓްރޭޓް ނުވަތަ މެޖިސްޓްރޭޓް ނުވަތަ ދާއިރާ މެޖިސްޓްރޭޓްކަމުގެ މަގާމު އަދާކުރަމުން ގެންދާ ފަރާތަކަށް ވާން ޖެހޭނެ ކަމަށެވެ.

ދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށް ޝައުގުވެރިވާނަމަ، ޑިސެންބަރު 9، 2021 ވަނަ ދުވަހުގެ 01:00 ގެ ކުރިން ސިޓީއަކުން އެކަން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހެޅުމަށް ޖޭއެސްސީން ވަނީ އެދިފައެވެ.