ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ ގައުމީ ސިޔާސަތު މުރާޖައާކުރުމަށްޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެއް ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

ޝައިން ޓްރީ ބިލްޑިންގައި އެމްއެފްޑީއޭއިން އިންތިޒާމުކޮށްގެން ބޭއްވި މި ބައްދަލުވުން އިފްތިތާހު ކޮށްދެއްވީ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު އަބްދުﷲ މާހިރެވެ.

އެމްއެފްޑީއޭއިން ބުނީ، މި މަސައްކަތު ބައްދަލުވުމަކީ 2016 ވަނަ އަހަރުގެ އޮކްޓޯބަރުގައި އިފްތިތާހުކުރި 2017 އިން 2026 އަށް (ދިހަ އަހަރުގެ މުއްދަތަކަށް) އެކުލަވާލާފައިވާ ކާބޯތަކެތީގެ ސިޔާސަތު މުރާޖައާކުރުން ކަމަށެވެ.

އެ އޮތޯރިޓީން އިތުރަށް ބުނީ، ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ ސިޔާސަތަކީ ރާއްޖޭގައި އާންމުކޮށް ދިމާވާ ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ އެކި މައްސަލަތައް އެކަށީގެންވާ ގޮތުގައި ހައްލުކުރުމަށްޓަކައި ބޭނުންވާ މުހިންމު ސިޔާސަތެއް ކަމަށެވެ.

އަދި މި ސިޔާސަތުގެ މައިގަނޑު އަސާސްތައް ބިނާކޮށްފައި ވަނީ ކަމާގުޅޭ އިދާރާތަކުގެ ބައިވެރިވުން ހިމެނޭގޮތަށް ކަމަށާއި، ކާބޯތަކެތި އުފައްދާ ޑިސްޓްރިބިޔުޓް ކުރުމުގެ ހުރިހާ މަރުހަލާއެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.

އެހެންކަމުން، އެއް ދުވަހުގެ މި މަސައްކަތު ބައްދަލުވުމުގެ މަގުސަދަކީ، ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ދާއިރާއަށް އަންނަ ބަދަލުތަކާ ގުޅިގެން އެ ސިޔާސަތަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އެ ބަދަލުތަކަށް ހުރިހާ ފަރާތްތަކުން އަހުލުވެރިވުމާއި، ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށްވެސް ބުންޏެވެ.

އެމްއެފްޑީއޭއިން މައުލޫމާތުދޭ ގޮތުގައި މި މަސައްކަތު ބައްދަލުވުމުގައި ކަމާގުޅޭ އިދާރާތަކުން 40 ފަރާތެއް ބައިވެރިވެފައިވެއެވެ.